ފުރަތަމަ ޖޭމްސް ބޮންޑް ޝޯން ކޮނެރީ މަރުވެއްޖެ
ފުރަތަމަ ޖޭމްސް ބޮންޑް ޝޯން ކޮނެރީ މަރުވެއްޖެ

އެންމެ މަޝްހޫރު ޖާސޫސީ އެޖެންޓް، ޖޭމްސް ބޮންޑްގެ ބައި ފުރަތަމަ ކުޅުނު އެކްޓަރު ޝޯން ކޮނެރީ ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ބުނީ 90 އަހަރުގެ އެކްޓަރު މަރުވީ ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުން ބަހާމާސްގައި ކަމަށެވެ.

ޝޯންގެ މަރުގެ ޚަބަރާ އެކު ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ހަނދާންތައް އާކޮށް، އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.

ވަރަށް ސްޓައިލިޝް އަދި އެހާމެ ފިރިހެންވަންތަ އެޓިޓިއުޑެއް ގެނެސްދޭ ޖޭމްސްގެ ބޮންޑްގެ ރޯލު ކުޅެގެން ޝޯން އަށް ބޮޑު މަޝްހޫރު ކަމެެއް ލިބުނު އިރު، އޭނާގެ ބައި ގަރުނުގެ ފިލްމު ކެރިއަރުގައި އެ ސީރީޒްގެ ހަތް ފިލްމެއް ކުޅުނެވެ.

ބޮންޑްގެ ފުރަތަމަ ފިލްމު "ޑރ. ނޯ" 1962 ގައި ފަށައިގަތުމުގެ ޝަރަފު ޝޯން އަށް ލިބުނު އިރު، އޭނާ ކުޅުނު އެ ސީރީޒްގެ އިތުރު ފިލްމުތަކަކީ ފްރޮމް ރަޝިއާ ވިތު ލަވް (1963)، ގޯލްޑް ފިންގާ (1964)، ތަންޑަބޯލް (1965)، ޔޫ އޮންލީ ލަވް ޓްވައިސް (1965)، ޑައިމަންޑްސް އާ ފޯއެވާ (1971) އަދި ނެވާ ސޭ ނެވާ އެގެއިން (1983) އެވެ.

ޖޭމްސް ބޮންޑްގެ ފިލްމުތަކުގެ އިތުރުން ވެސް ޝޯން އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އޮސްކާ އެވޯޑް، 1988 ގައި "ދި އަންޓަޗަބަލްސް" އިން ލިބިފަ އެވެ.

ޝޯން އެންމެ ފަހުން ކުޅުނީ 2003 ގެ "ދި ލީގް އޮފް އެކްސްޓްރާއޯޑިނަރީ ޖެންޓްލްމެން" އެވެ. އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި އިންޑިއާނާ ޖޯންސް އެންޑް ދަ ލާސްޓް ކްރްސެޑް (1989) އާއި ދަ ހަންޓް ފޯ ރެޑް އޮކްޓޯބާ (1990) އަދި މެޑިސިން މޭން (1992) ހިމެނެ އެވެ.

ފީޗާ ފިލްމުތަކުގެ އިތުރުން ޝޯން އަކީ ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ވެސް ކުޅުނު އެކްޓަރެކެވެ.

ޝޯން ފާހަކުރެވެނީ ހޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމީ ޝަހުސިއްޔަތުންގެ ތެރޭގަ އެވެ. އޭނާ މަރުވި ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން ޖޭމްސްގެ ބޮންޑްގެ ރަސްމީ ޓްވިޓާގައި ބުނީ ޝޯންގެ މަރަކީ ސިނަމާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އޭނާ މަރުވި އިރު ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އަންނަ އަހަރުގެ އެޕްރީލް 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އެ ފިލްމަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ބައި ކުޅޭ ފަސް ވަނަ އަދި ފަހު ފިލްމެވެ.