މޯލްޑިވިއަންގެ އެހީއާ އެކު، އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިފި
މޯލްޑިވިއަންގެ އެހީއާ އެކު، އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިފި

މޯލްޑިވިއަންގެ އެހީތެރިކަމާ އެކު، އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެން، މިއަދު ފަށައިފި އެވެ.

އިންޑިއާގެ ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ފެށީ ނަރްމަދާ ޑިސްޓްރިކްޓްގައި ހުންނަ ކެވާޑިއާ އާއި އަހުމަދުއާބާދުއާ ދެމެދުގަ އެވެ.

އިންޑިއާގެ ތާރީހީ މިފަދަ ހިދުމަތެއް ފެށުމުގައި މޯލްޑިވިއަންގެ އެހީ ހޯދުން، އެ ކުންފުނިން ބަލައިގަތީ ފަހުރުވެރިކަމާ އެކުގަ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އިންޑިއާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާޓަރު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު ރާއްޖެއަށް ދިނުމަކީ ދިވެހިންގެ މަސައްކަތް ބަލައިގަންނަކަން އެނގޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ބޯޓެއް ޗާޓަރު ކުރުމަކީ ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ، އިހްތިރާމްކުރާކަން ރަމްޒުކޮށްދޭ ކަމެކެވެ.

އޭނާ ވިދާޅުވީ ސީޕްލޭންގެ މި ދަތުރުގެ ސަބަބުން ކުންފުންޏަށާއި ރާއްޖެއަށް ވެސް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. އަދި ސްޕައިސް ޖެޓް ފަދަ އެއާލައިނެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ، ވައިގެ ދަތުރުތައް އެހެން ހަރުފަތަކަށް ގެންދަން މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފުރުސަތުގެ ބޭނުން ހިފައި، ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ރާއްޖޭގެ އަސްދަނޑިން ބޭރަށް ފުޅާކުރުމުގެ ވިސްނުން އެބަހުރި،" ގައުމީ އެއާލައިން ހިންގުމާ، 2018 ގައި ހަވާލުވެވަޑައިގެންނެވި ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވަނީ ސީޕްލޭން ދުއްވާ ދިވެހި ޕައިލެޓުންނަށް ވެސް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އެގޮތުން ހުސް ފައިގައި އުދުހި، ދިވެހި ޕައިލެޓުން ހޯދާ ތަޖުރިބާއަކީ މިއަދު ގައުމުގެ ހައިބަތާއި ފަހުރު ކަމަށް ވެސް ވިދާޅުވި އެވެ.