ޚަބީބުގެ ތެޅުމެއް އަދި ފެނިދާނެ: ޔޫއެފްސީ
ޚަބީބުގެ ތެޅުމެއް އަދި ފެނިދާނެ: ޔޫއެފްސީ

ނިއުޔޯކް (އޮކްޓޫބަރު 31) - މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ވޯލްޑް ލައިޓްވެއިޓް ޗެމްޕިއަން ރަޝިއާގެ ޚަބީބް ނުމަގޮމެޑޯފް މިދިޔަ ހަފްތާގައި ރިޓަޔާކުރިކަން އިއުލާންކުރި ނަމަވެސް އޭނާ އަދި އެއް މެޗު ތަޅަން އެނބުރި އައިސްފާނެ ކަމަށް ޔޫއެފްސީގެ ރައީސް ޑޭނާ ވައިޓް ވިދާޅުވެއްޖެ އެވެ.

ޚަބީބުގެ ތެޅުމެއް އަދި ފެނިދާނެ: ޔޫއެފްސީ
ޚަބީބުގެ ތެޅުމެއް އަދި ފެނިދާނެ: ޔޫއެފްސީ

އުމުރުން 32 އަހަރުގެ ޚަބީބް މިދިޔަ ހަފްތާގައި އެމެރިކާގެ ޖަސްޓިން ގޭތުޖީ ބަލިކުރި މެޗަކީ ކޮވިޑް ޖެހިގެން ހަބީބްގެ ބައްޕަ އަދި ކޯޗު އަބްދުލްމަނާފް މަރުވި ފަހުން އޭނާގެ ފުރަތަމަ މެޗެވެ. އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޚަބީބް ބުނީ ރިޓަޔާކުރަން ނިންމީ މަންމަ އަށް ވީ ވައުދެއް ފުއްދުމަށް ކަމަށާއި ބައްޕަ ނެތި މެޗުތަކަށް އަންނަން މަންމަ ނުރުހޭ ކަމަށެވެ.

ޚަބީބްގެ ރިޓަޔާމެންޓާ ބެހޭގޮތުން ސީބީއެސް ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ޑޭނާ ވިދާޅުވީ އެހާ ކުއްލި ގޮތަކަށް ޚަބީބް ޔޫއެފްސީ ދޫކޮށްލާނެ ކަމަށްކުރިން ހީނުކުރެވުނު ކަަމަށާއި އެހެންވެ އެންމެ ރަނގަޅަށް އޭނާގެ ރިޓަޔާމަންޓް ކަންތައްތައް ވެސް ނުރޭވުނު ކަމަށެވެ. އަދި އަލުން އެންމެ މެޗެއް ކުޅެލަން ވެސް ޚަބީބް ގެންނަން ބޭނުންވާ ކަމަށާއި މިހާތަނަށް ދެކެވުނު ވާހަކަތައް ވަރަށް ޕޮޒިޓިވް ކަމަށެވެ.

"އަދި އެއް މެޗު ތަޅަން ޚަބީބް އައިސްފާނެ. އެއީ އޭނަގެ ބައްޕަގެ ހުވަފެނެއް އެއީ އޭނާގެ ރެކޯޑް 30-0 އަށް ހެދުމަކީ. މިހާރު އޭނާގެ ރެކޯޑަކީ 29-0 އެހެންވީމަ އަދި އެއް ފަހަރު ނަމަވެސް ޚަބީބްގެ ފައިޓެއް ފެނުނުމުގެ އުއްމީދު އެބައޮތް،" ޑޭނާ ވިދާޅުވި އެވެ.

ޚަބީބް އަކީ 13-0 ގެ ރެކޯޑަކާ އެކު، އެއްވެސް މީހަކަށް ބަލިކުރެވިފައި ނެތް އަދި އެއްވެސް ސުވާލެއް ވެސް ނެތް ގޮތެއްގައި ޔޫއެފްސީގެ ޗެމްޕިއަނެވެ. އަދި 29-0 ގެ ރެކޯޑަކާ އެކު ޕްރޯ އެމްއެމްއޭ ވެސް ލީޑުކުރަނީ އޭނާ އެވެ.

ފަހު މެޗަކަށް އައިސްފާނެތޯ ޚަބީބްއާ ދާދި ފަހުން ބީން ސްޕޯޓްސް އިން ކުރި ސުވާލަކަށް ވެސް އޭނާ ސީދާ ޖަވާބެއް ނުދެ އެވެ.

ޚަބީބް އަންނަނީ ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންގެ ސަރުކާރުން ރަސޫލާ އަށް ނިސްބަތްކޮށް ކާޓުނު ކުރެހުމަށް ހިތްވަރުދީ އިސްލާމްދީނާ ދެކޮޅަށް ހިންގާ ޕްރޮޕަގެންޑާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ހަބީބް އަންނަނީ ފްރާންސްގެ ރައީސް މެކްރޮން އަށް ފާޅުގައި ފާޑުކިޔައި ސޯޝަލް މީޑިއާގައި ކެމްޕެއިންތައް ހިންގަމުންނެވެ. ޚަބީބްގެ ފަރާތުން ދީނަށް އޮތް ލޯބީގެ ބޮޑުކަން ފެނިގެންދާތީ އޭނާގެ ގިނަ ސަޕޯޓަރުން އަންނަނީ އެކަމަށް ތައުރީފްކުރަމުންނެވެ.