01 ނޮވެމްބަރ 2016 - 10:38

މެންޗެސްޓާ (ނޮވެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑުގެ ސީނިއާ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ އަށް ކޯޗު ހޯސޭ މޮރީނިއޯ ދީފި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމާ މި ސީޒާނުގައި މޮރީނިއޯ ހަވާލުވީއްސުރެ ޝްވެއިންސްޓެއިގާ ފަރިތަކުރަމުން އައީ 23 އަހަރުން ދަށުގެ ޓީމާ އެކު ނުވަތަ އެކަންޏެވެ. އޭނާ އެންމެ ފަހުން ޔުނައިޓެޑަށް މެޗެއް ކުޅެދިނީ ލުއިސް ވެން ހާލްގެ ކޯޗުކަމުގެ ދަށުގައި މިދިޔަ ސީޒަނުގަ އެވެ.
ޝްވެއިންސްޓެއިގާ އަށް މޮރީނިއޯ ފުރުސަތު ނުދެނީ އޭނާގެ ގޭމްޕްލޭނަށް ނުފެތޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އަންޑަރު ހެރޭރާ ސަސްޕެންޑްވުމާއި އެ ނޫން ވެސް އަނިޔާގެ މައްސަލަތަކެއް ދިމާވުމުން މޮރީނިއޯ އަށް ގޮތްދޫކުރަން މަޖުބޫރުވީ އެވެ.
ޝްވެއިންސްޓެއިގާ ބުނީ ފުރުސަތު ނުދިނަސް، މޮރީނިއޯއާ އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި ޔުނައިޓެޑަކީ އޭނާ ޔޫރަޕުގައި ކުޅޭނެ ފަހު ކްލަބް ކަމަށެވެ. އެކަމަކު ޝްވެއިންސްޓެއިގާ ހޯދުމަށް އިޓަލީގެ އޭސީ މިލާނުން އަންނަނީ މަސައްކަތްކުރަމުންނެވެ. ބެލެވޭ ގޮތުގައި އޭނާ ދެން ބަދަލުވާނީ އެމެރިކާގެ މޭޖާ ލީގަށެވެ.
"ޝްވެއިންސްޓެއިގާ ޕްރެކްޓިހަށް ނުކުތުމުން ވަރަށް އުފާވެއްޖެ. އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ހިތްވަރެއް،" ޔުނައިޓެޑުގެ ލުކް ޝޯ ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު 14 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު ޝްވެއިންސްޓެއިގާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ބަޔާން މިއުނިކާ އެކު ޖަރުމަން ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހާސިލްކުރި އެވެ.