30 އޮކްޓޯބަރ 2020 - 23:34

ކޮވިޑް-19 ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް 10 މީހުންނަށް ވުރެ ގިނަ މީހުން ދާ ނަމަ ދެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗުޕީއޭ އިން ކަނޑައަޅައިފި އެވެ.
އެ އިދާރާ އިން މިރޭ ނެރުނު އުސޫލުގައިވާ ގޮތުން ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން، ބަލި ނެތް ރަށަކަށް 10 މީހުންނަށް ވުރެ ގިނަ މީހުން ދާ ނަމަ ދެވޭނީ ފުރުމުގެ 72 ގަޑި އިރު ކުރިން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ. ނަމަވެސް މިގޮތަށް ދާ މީހުން ވެސް އާންމު ކަރަންޓީން އުސޫލުގެ ދަށުން ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗުޕީއޭ އިން ބުންޏެވެ.
ކަރަންޓީންގެ އުސޫލު އޮންނަ ގޮތުން ރަށްރަށަށް ދިޔުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓު ހަދާކަށް މީގެ ކުރިން ނުޖެހެ އެވެ. ޓެސްޓު ހަދަނީ 14 ދުވަހުގެ ކަރަންޓީނަށް ފަހުގަ އެވެ. ދާދި ފަހުން ސިފައިންގެ ތަމްރީނުތަކަކަށް ލ. ގަމަށް ދިޔަ 58 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ.
އުސޫލުގައިވާ ގޮތުން ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮތް ބިދޭސީން ފިޔަވައި އެހެން އެންމެންނަށް ވެސް ރާއްޖެ އާދެވޭނީ ފުރުމުގެ 96 ގަޑި އިރު ކުރިން ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ އެވެ. އަދި ދަތުރުގައި ޓްރާންސިޓް ކުރާ ނަމަ 24 ގަޑި އިރަށް ވުރެ ގިނަ ވެގެން ނުވާނެ އެވެ.
އެ އަށް ވުރެ ގިނަ އިރު ޓްރާންސިޓް ކުރާ ނަމަ އެތަނަކުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޓެސްޓު ހަދައި ނެގެޓިވް ވާން ޖެހެ އެވެ. އަދި ބޭރުން އަންނަ ބިދޭސީން މާލެ ނުވަތަ ކޮމިއުނިޓީ ސްޕްރެޑެއް އޮތް އެހެން ތަނެއްގައި 24 ގަޑިއިރު މަޑު ނުކުރާ ނަމަ އެ މީހުން އަތޮޅުތެރެ އަށް ދިއުމަށް އަލުން ޕިސީއާރު ޓެސްޓު ހަދާކަށް ނުޖެހެ އެވެ. ނަމަވެސް އެ މީހުން ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.