މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އަށް
މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 400،000 އަށް

މި އަހަރުުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 420،315 އަށް އަރައިފި އެވެ.

ޓޫރިޒަަމް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވި ފަހުން މި މަހުގެ 28ގެ ނިޔަލަށް 37،468 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް އައީ 382،667 ޓޫރިސްޓުންނެވެ.

ކޮވިޑް-19ގެ ސަބަބުން މި އަހަރު ރާއްޖެ އަށް އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މި ޓާގެޓު ހާސިލް ކުރެވޭނީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި 79،685 ޓޫރިސްޓުން ގެނެސްގެންނެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހާ ދިމާކޮށް ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެވެ. އެގޮތުން، މިހާތަނަށް ހުޅުވާފައިވާ ގިނަ ގެސްޓު ހައުސްތަކާ ރިސޯޓުތަކުގެ ބުކިންތަކަށް ބަލާއިރު ޑިސެމްބަރު މަހުގެ ބުކިންތައް ގިނަ ކަމަށް އެ ތަންތަނުން ބުނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ރަޝިޔާގެ ޓޫރިސްޓުންނެވެ. އެ ގައުމުން މިހާތަނަށް 7،507 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޔޫއޭއީން 3،479 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވި ފަހުން އެވްރެޖުކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައި މަހު ދުވާލަކު 117 ޓޫރިސްޓުން އައި އިރު މި މަހު އެވްރެޖްކޮށް ދޫވާލަކު 620 ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން އެވްރެޖުކޮށް ދުވާލަކު 4،206 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ.