ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 40 އަށް ވުރެ ކެންޑިޑޭޓުން ނަން ނަގައިފި
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި 40 އަށް ވުރެ ކެންޑިޑޭޓުން ނަން ނަގައިފި

މިިދިޔަ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި 40 އަށް ވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.

އެ ކޮމިޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް، ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލި 2،435 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 46 ކެންޑިޑޭޓަކު ނަން އަނބުރާ ނަގާފައި ވެ އެވެ. އެހެންވެ، ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނަމަ އިންތިޚާބުގައި މިހާރު ވާދަކުރާނީ 2،388 ކެންޑިޑޭޓުންނެވެ.

އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 15 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި ހަ ކެންޑިޑޭޓަކު އަދި ޖޭޕީގެ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، މިދިޔަ ބުދަ ދުވަހާ ހަމައަށް ނަން ނަގާފައި ވެ އެވެ.

އިންތިހާބުގައި ވާދަކުރުމަށް އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓެކެވެ. ދެ ވަނަ އަށް އެންމެ ގިނައީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ. އިދިކޮޅު ޕާޓީގެ ޓިކެޓުގައި 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި 25 ކެންޑިޑޭޓަކު ވެސް ނަން ގެންގޮސްފައި ވެ އެވެ. އެއީ އެމްޑީީޕީގެ 18 ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލި ފަސް ކެންޑިޑޭޓެކެވެ.

އަންހެނުންގެ ކޮމިޓީތަކަށް 930 މީހުން އިންތިހާބު ކުރަން ޖެހޭއިރު، 1،817 ކެންޑިޑޭޓަކު ކުރިމަތިލި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު އޭޕްރިލް 4 ގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ އިންތިޚާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށް، އެކަމަށް ހާއްސަ ގާނޫނެއް ހަދައި ގާނޫނުއަސާސީ އަށް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކު، އަންނަ އަހަރުގެ މާޗު މަހު އިންތިޚާބު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އަދި ވަކި ތާރީޚެއް ކަނޑައެއް ނާޅަ އެވެ.