30 އޮކްޓޯބަރ 2020 - 09:44

ބާސެލޯނާ (އޮކްޓޫބަރު 30) - ބާސެލޯނާގެ ރައީސް ކަމުން ޖޯސެފް ބާޓޮމެއު އިސްތިއުފާ ދިނުމަކީ އޭނާ މާ ބޮޑަށް ފިކުރުކޮށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް ކޫމަން މިދިޔަ އޮގަސްޓް މަހު ބާސެލޯނާއާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަން ގެނައީ ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއުގެ ލީޑަޝިޕްގެ ޕްލޭނަކާ އެކު ކުރިއަށްދާށެވެ. މިހާރު ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޫމަންގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
"ހަމައެކަނި ކުޅިވަރުގެ ކަންކަމަށް އަހަރެންގެ ފޯކަސް ހުރީ. ކުޅުންތެރިންގެ ރޫހު ރަނގަޅު. ރައީސް އިސްތިއުފާ ދިން ނިންމުމުގެ ސަބަބުން ޓީމަކަށް މާ ބޮޑު އަސަރެއް ނުކުރޭ. އަދި އަހަރެން ވެސް މާ ބޮޑު ފިކުރެއް ކުރަން ޖެހޭ ކަމެއް ނޫން އެއީ،" ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސް އަތުން 2-0 އިން ބާސެލޯނާ މޮޅުވި މެޗަށް ފަހު ކޫމަން ބުންޏެވެ.
ބާސެލޯނާގެ ރައީސްކަމާ ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ވިކްޓަ ފޮންޓް މީގެ ކުރިން ވަނީ އޭނާގެ ލީޑަޝިޕެއްގައި ކޫމަން އަށް ފުރުސަތު އޮތީ ޓީމުގެ ހާލަތު ރަނގަޅުކަން ނަތީޖާތަކުން ފެންނަން އޮތްނަމަ ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކާ ބެހޭގޮތުން ކޫމަން ސީދާ ޖަވާބެއް ދޭން ބޭނުމެއްނުވި އެވެ.
"ދަނޑުން ބޭރުގެ ނިންމުންތަކަކީ އަަހަރެން އަތުގައި ކޮންޓްރޯލް އޮތް ކަމެއް ނޫން. އަހަރެން ވިސްނާނީ ޓީމު ކުރިއަރުވަން. އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން ކަމެއް ބަދަލުވާނަަމަ އަހަންނާ ވާހަކަ ދައްކާނެ ކަމަށް ދެކެނީ. ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލެއް އޮންނާނެ އެ އަށް އިހުތިރާމްކޮށް އަހަރެންގެ ހުރިހާ ސަމާލުކަމެއް މި ދޫކޮށްލަނީ މި ޓީމު ކުރިއަރުވަން،" ކުރިން ބާސެލޯނާ އަށް ކުޅެފައިވާ ކޫމަން ބުންޏެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ރައީސަކަށް ފޮންޓް ނޫނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ އިންތިހާބުވެއްޖެނަމަ އެ ދެ މީހުންގެ ވިސްނުމަކީ ވެސް ކުރިން ބާސެލޯނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމަށް ގެންނާށެވެ. މި ވަގުތު ގާޑިއޯލާ ސިޓީއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު ޖޫންގެ ނިޔަލަށެވެ. ސިޓީން އަންނަނީ ގާޑިއޯލާގެ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުންނެވެ.