30 އޮކްޓޯބަރ 2020 - 09:39

ޕެރިސް (އޮކްޓޫބަރު 30) - ފްރާންސްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު އެ ގައުމުގެ ސަރުކާރުން އެޅި ފިޔަަވަޅުތަކުގެ ތެރެއަށް ފެއްތުމުގެ ގޮތުން ފްރެންޗް ކަޕް މެދުކަނޑާލަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ގައުމު ލޮކްޑައުން އަަކަށް ދާން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އަންނަ މަހުގެ ނިޔަލަށް ލޮކްޑައުންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސަރުކާރުގެ މި ނިންމުމާ އެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފިރިހެނުންގެ އެންމެ މަތީ ތިން ޑިވިޝަނާއި އަންހެން ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަން ފިޔަވައި އެހެން ހުރިހާ މުބާރާތެއް މެދުކަނޑާލަން ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް ފްރެންޗް ކަޕް ވެސް ޑިސެމްބަރު އެއް ވަނަ ދުވަހާ ހަމައަށް ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.
އެހެން ނަމަވެސް ފްރާންސްގެ ޓީމުތަކުން ބައިވެރިވަމުން އަންނަ ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތައް އެ ގައުމުގައި ހޯސްޓްކުރުމުގެ ހުއްދަ ދޭގޮތަށް ވަނީ ނިންމައިފަ އެވެ. އަންނަ މަހު އެ ގައުމުގައި ޔުއެފާ ނޭޝަންސް ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅެވޭނެ އެވެ.
ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދަށް ޑިވިޝަންތަކުގެ ފުޓްބޯޅަ މެދުކަނޑާލަން ނިންމި އެންމެ ބޮޑު ސަބަބަކީ ސަލާމަތީ ފިޔަވަޅުތަކަށް ބެލުމަށް ފަހު ކަމަށެވެ. އެ ގޮތުން މި ވަގުތަށް ބަލާއިރު އެންމެ މުހިއްމީ ވީހާވެސް މަދުން ކުޅިވަރު ހަރަކާތްތައް ބޭއްވުން ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑް ކޭސްތައް ފްރާންސްގައި ގިނަ ވުމުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން މިދިޔަ ސީޒަނުގެ ލީގު ކެންސަލްކުރި އެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ބުނީ މި ވަގުތަށް އަދި ވިސްނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ލީގު ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ފާއިތުވި ދުވަސްތަކަކީ ފްރާންސްގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަސްތަކެވެ. އެ ގޮތުން ބުދަ ދުވަހު 36،000 އަށް ވުރެން ގިނަ އާ ކޭސް ފެނުނުއިރު، 300 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ފްރާންސްގައި މި ފެށޭ ހަފްތާގައި ބާއްވަން ތާވަލުކޮށްފައި އޮތް ރަގްބީ މެޗުތަކާއި ޓެނިސް މުބާރާތް ވެސް ބާއްވަން ނިންމާފައިވާއިރު، އެ މެޗުތައް ކުރިއަށްގެންދެވޭނީ އެއްވެސް ވަރަކަށް ސަޕޯޓަރުން ނުވައްދައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.