29 އޮކްޓޯބަރ 2020 - 20:25

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއު ފްލެޓްތަކަށް އެޗް7 ކެޓަގަރީން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ފޯނުން ނުގުޅޭ 500 އަށް ވުރެ ގިނަ މީހުންގެ ނަންތައް ހާމަކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ހާލަތު ވަޒަން ކުރުމަށް ގޭގެއަށް ދިއުމުގެ ކުރިން އެ ފަރާތްތަކަށް ފްލެޓް ކޮމެޓީން ގުޅައި، ވެރިފައި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރައީސް އޮފީހުން ބުނީ ހިޔާ މަޝްރޫއުގައި 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ޚާއްސަ ކޮށްފައިވާ އެޗް7 ކެޓަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 509 މީހަކަށް ފޯނުން ނުގުޅޭ ކަމަށެވެ. އަދި އެ މީހުންގެ ނަންތައް މިހާރު ގެޒެޓްގައި އާންމު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ފަރާތްތަކުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެކަމަށް ޚާއްސަ ފޯމް އޮންލައިން ފުރިހަމަކުރަން އެދޭ ކަމަށެވެ.
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން 25،000 މީހުން ފޯމުލިއިރު، އެންމެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދުނީ އެޗް7 ކެޓަގަރީން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ލިސްޓުތައް ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށް، ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދީފަ އެވެ. ނަމަވެސް އިންސާފުން ބޭރުން އެތައް ބަޔަކަށް ޕޮއިންޓް ދީފައިވާ ކަމުގެ ތުހުމަތާ އެކު ހުރިހާ ފޯމެއް އަލުން އިވެލުއޭޓްކޮށް އަލުން ޕޮއިންޓް ދޭން މި ސަރުކާރުން ނިންމީ އެވެ. މިހާތަނަށް ވަނީ، ފަސް ކެޓަގަރީއަކުން ވަގުތީ ލިސްޓު އާއްމުކޮށްފަ އެވެ. އެއީ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ދަފްތަރު ކެޓަގަރީގެ ލިސްޓެވެ.