29 އޮކްޓޯބަރ 2020 - 16:36

ތޫނު ހަތިޔާރާއެކު "ފަސްކުރި" ދޯންޏަށް އެރި މައްސަލައިގައި ލ. ގަމުން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ، ތޫނު އެއްޗިއްސާއެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ މަސްދޯންޏަށް އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރެއިން ފެށިގެން މިއަދު މެންދުރާ ހަމައަށް ހަތް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ. އެހެންވެ ފުލުހުންގެ ބަންދުގައި މި ވަގުތު ތިބީ އެންމެ ފަހުން ހައްޔަރުކުރި މީހުން އެކަންޏެވެ.
ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހީންނެވެ.
ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅިއާއި ދަގަނޑު ހިފައިގެން އެރީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ދޯނި އަތުލުމަށެވެ.
އެ ކުންފުންޏަށް ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.
މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ރިޗް ކްލަބް މޯލްޑިވްސްގެ މައްޗަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އޭގެ ވެރިފަރާތަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.
އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.