29 އޮކްޓޯބަރ 2020 - 13:31

އިންޓަނެޓްގެ ހިދުމަތް ނުލިބޭ އެކަހެރި ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދޭން، ޖައްވަށް ބެލޫންތަކެއް ފޮނުވައިގެން ގޫގުލް އިން ހިންގާ "ޕްރޮޖެކްޓް ލޫން" ގެ ބެލޫންއެއް ރާއްޖޭ ސަރަހައްދަށް ވެއްޓުމުން ސިފައިންގެ ކޯސްޓް ގާޑުން އެ ހޯދައި ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ބެލޫން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނުކަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދިނީ މިއަދު ހެނދުނު 10:08 ގައި ކަމަށެވެ.

މި ބެލޫން ވެއްޓުނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެ ސަރަހައްދަށް ގޮސް، ބެލޫން ހޯދުމަށް ފަހު ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ބެލޫން ވެއްޓުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ވެސް ކުރިމަތިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޕްރޮޖެކްޓް ލޫންގެ ބެލޫންތައް އެކި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން ދަތުރުކުރެ އެވެ. މި ބެލޫންތައް ދަތުރުކުރާ ގޮތް ފްލައިޓްރާޑާ އިން ފެންނާނެ އެވެ.