އުނގޫފާރުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކި ސާމްޕަލް ނެގެޓިވް
އުނގޫފާރުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ދެއްކި ސާމްޕަލް ނެގެޓިވް

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ކަމަށް ދެއްކި މީހާގެ ސާމްޕަލް އަލުން ޓެސްޓްކުރުމުން ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެ ރަށުން ނެގި 60 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ކަމަށް ދެއްކީ އެންމެ ސާމްޕަލެކެވެ. އެއީ އެ ރަށުގެ ކެފޭއެއްގައި މަސައްކަތްކުރާ ދިވެހި ފިރިހެނެއްގެ ސާމްޕަލެވެ. އެ ނަތީޖާއާ އެކު ރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ ސާމްޕަލް އަލުން ޓެސްޓްކުރުމަށް ފަހު އެއީ ނެގެޓިވް ނަތީޖާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ރަށުން އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އެކަން އެނގުމުގެ ކުރިން އެ ރަށުން އުނގޫފާރަށް މީހުން ދަތުރުކޮށްފައި ވާތީ އަދިވެސް އެކްޓިވް ސަވައިލެންސްގެ މަސައްކަތް އުނގޫފާރުގައި ކުރިއަށްދާނެ ކަމަށް ބުންޏެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ރަށް އޮންނާނީ މޮނިޓަރިންގަ އެވެ.

ކުޑަކުރަތުން ވަނީ އެ ރަށުގައި މަސައްކަތްކުރަން ގޮސް ތިބި 52 ބިދޭސީއަކު ޕޮޒިޓިވް ވެފަ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 11,591 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން 92 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެފައި ވާއިރު 37 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ތިބި މި ބަލީގެ މީހުންގެ އަދަދަކީ 682 އެވެ. އެއީ ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ މީހުން ނުހިމަނަ އެވެ.