އީގަލްސް އަށް ބްރެޒިލްގެ ގޯލްކީޕަރެއް
އީގަލްސް އަށް ބްރެޒިލްގެ ގޯލްކީޕަރެއް

އީގަލްސް އިން ބްރެޒިލްގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ގޯލްކީޕަރު އަންދްރެއާ ރެގްލީ ގެންނަން ނިންމައިފި އެވެ.

އީގަލްސް އަށް ބްރެޒިލްގެ ގޯލްކީޕަރެއް
އީގަލްސް އަށް ބްރެޒިލްގެ ގޯލްކީޕަރެއް

އީގަލްސް އިން ކީޕަރެއް ގެންނަން ޖެހުނީ މިދިޔަ ފަސް އަހަރު އެ ޓީމު ގޯލު ބެލެހެއްޓި ސްރީލަންކާގެ ގައުމީ ޓީމު ގޯލްކީޕަރު ސުޖަން އެ ގައުމުގެ ޓީމަކާ ގުޅެން ނިންމުމުންނެވެ. މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެސް ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ އީގަލްސް އިން މީގެ ކުރިން ވެސް ވަނީ އެ ޓީމުގެ ގޯލުން ފެންނާނީ ބިދޭސީ ކީޕަރެއް ކަމަށް ބުނެފަ އެވެ.

އީގަލްސް އޮފިޝަލަކު "މިހާރު" އަށް ބުނީ ރެގްލީ ކޮންޓްރެކްޓްގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ރިލީޒް ލިބުނުހާ އަވަހަކަށް ދެން ހުރި ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

އުމުރުން 25 އަހަރުގެ ރެގްލީ އެންމެ ފަހުން ކުޅެފައިވަނީ ބްރެޒިލްގެ ތިން ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ބާރިއޭ އިންނެވެ. ބްރެޒިލްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބޮޓަފޯގޯ ޔޫތު ޓީމުން ކެރިއަރު ފެށި ރެގްލީ ފާއިތުވި އަހަރުތަކުގައި ކުޅެފައިވަނީ މުޅިން ވެސް ބްރެޒިލްގެ ދަށް ޑިވިޝަންތަކުގެ މުބާރާތްތަކުގައި ވާދަކުރި ކްލަބްތަކަށެވެ. އެގޮތުން ނަސިއޮނާލް އޭމް، ނަސިއޮނަލް ފާސްޓް ކްލަބް، އެތުލެޓިކޯ ޓިޖޫކާ، އެތުލެޓިކޯ ރިއޯ ނެގްރޯ އަދި ބޭންގޯ އަށް ވަނީ ކުޅެފަ އެވެ.

މި އަހަރު ބިދޭސީ ކީޕަރުން ނުގެނެވޭ ގޮތަށް ކުރިން ގަވާއިދު ހަދާފައި އޮތް ނަމަވެސް ކޮވިޑް-19ގެ ސަބަބުންނާއި މި ވަގުތު ކްލަބްތަކުން ބޭނުންވާތީ ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ކީޕަރުން ގެނެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެފްއޭއެމުން ބުނީ ބިދޭސީ ކީޕަރުން ގެނެވޭ ގަވާއިދު ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި ރިވިއު ކުރެވޭނެ ކަމަށެވެ.

ކްލަބް އީގަލްސް އަށް މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މާލީ ދަތިތަކުގެ މައްސަލަތައް ކަމަށް އެ ކްލަބުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އީގަލްސްގައި މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން އަންނަ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ އެވެ. އެކަމަކު ބަޖެޓް ހަދަން ޖެހޭ ގޮތަކުން ބައެއް ކުޅުންތެރިން ދޫކޮށްލި ނަމަވެސް ރަނގަޅު ޓީމެއް ބާއްވާނެ ކަމަށާއި ބިދޭސީ ކުޅުންތެރިން ގެންނަން ބަލާނީ ކްލަބްގެ ބަޖެޓް ތެރެއަށް ފެއްތޭ ގޮތަށް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

އީގަލްސް އަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކޯޗުކޮށްދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ސީޒަން ހުޅުވާ މެޗުގައި ޑިސެމްބަރު މަހު އަށް ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހޭ އީގަލްސް އަންނަ އާދިއްތަ ދުވަހު ޕްރެކްޓިސް ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.