ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އަކީ 11 ބިލިއަން ރުފިޔާ
ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އަކީ 11 ބިލިއަން ރުފިޔާ

މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 11 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 22ގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަުގެ ތެރޭގައި 19.9 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

މި އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ބުނެފައިވާ ގޮތުގައި މިއަހަރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 29.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ބަދަލާއެކު މި އަހަރުގެ އާމްދަނީ ލަފާ ކުރިވަރަށްވުރެ ކުޑަ ވާނެ ކަމަށް ފިނޭންސުން މިހާރު ވަނީ ލަފާ ކޮށްފަ އެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިިބިފައިވަނީ ޓެކުހުންނެވެ. އެއީ 8.4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 592.1 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ ދަށްވި ނަމަވެސް ހަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، މި އަހަރު 35.96 ބިލިން ރުފިޔާ ހަރަދުވާނެ ކަމަަށް ލަފާ ކޮށްފައިވާއިރު މިހާތަނަށް 20.7 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތައް ދިނުމަށް 7.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.