29 އޮކްޓޯބަރ 2020 - 11:16

އިސްލާމީ ރިސާލަތަކީ އިންސާނިއްޔަވަންތަ ރިސާލަތެކެވެ. މި ރިސާލަތުގެ އެންމެ އިސް މަޞްދަރު ކަމުގައިވާ ކީރިތި ޤުރްއާނަކީ އިންސާނިއްޔަވަންތަ މަޞްދަރެކެވެ. އިންސާނުންނާ ހަމައަށް މި މަޞްދަރު ފޯރުކޮށްދެއްވި ފަރާތަކީ "އިންސާނިއްޔަވަންތަ ރަސޫލާ" ﷺ އެވެ. އެކަލޭގެފާނަކީ އެ ފޮތުގެ ދިރިހުރި މިސާލެކެވެ.
އެހެންކަމުން އެކަލޭގެފާނުގެ ކިބައިން ފެނިފައިވަނީ އިންސާނިއްޔަވަންތަ އެންމެހާ ސިފަފުޅުތަކެވެ. އަދި އެކަލޭގެފާނު ދަސްކޮށްދެއްވީ އިންސާނިއްޔަތަށްޓަކައި ހުރި ހަމަތަކާއި އުޞޫލުތަކެވެ. އެކަލޭގެފާނު ވަނީ އިންސާނުންގެ ބޮޑު ޖަމާޢަތެއް ﷲ ގެ ހިދާޔަތުގެ ދަށަށް ގެނައުމުގައި ކާމިޔާބު ހޯއްދަވައިފަ އެވެ. އިސްލާމީ ވަރުގަދަ ދައުލަތެއްގެ ބިންގާ އަޅުއްވައި އިންސާނިއްޔަތަށް މަންފާ ކުރަނިވި މުޖުތަމައެއް އުފައްދަވައިފަ އެވެ.
ކީރިތި ނަބިއްޔާ ﷺ ގެ އިންސާނިއްޔަވަންތަ ސިފަފުޅުތަކަށް އެކަލޭގެފާނުގެ ޢަދުއްވުން ވެސް އިޢުތިރާފު ވެއެވެ.
އެކަލޭގެފާނަށް ވަޙީ ބާވާލެއްވުމުން ހިތްޕުޅަށް ބިރުވެރިކަން އިހުސާސްވި ހިނދު ޚަދީޖަތުގެފާނު ވިދާޅުވީ "ހަމަހިލާ އެހެނެއް ނުވާނެ އެވެ. އުފާކުރައްވާށެވެ! ﷲ ގަންދީ ވިދާޅުވަމެވެ. އެކަލާނގެ ކަލޭގެފާނަކަށް ދުވަހަކުވެސް ދެރަގޮތެއް ނަހައްދަވާނެ އެވެ. (އެހެނީ) ހަމަކަށަވަރުން ކަލޭގެފާނު ރަޙިމުގެ ގުޅުން ވާޞިލު ކުރައްވަ އެވެ. އެހެން މީހުންގެ ކަންކަން ތަހައްމަލް ކުރައްވަ އެވެ. ގޮތެއް ނެތިފައިވާ މީހުންގެ ބޭނުންތައް ފުއްދަވަ އެވެ. މެހުމާނުންނަށް ކަމޭހިއްތަވަ އެވެ. މުޞީބާތްތަކުގައި އެހީތެރިވެ ވަޑައިގަންނަވައެވެ." (ބުޚާރީ).
ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ޚުލްޤުފުޅުން ދައްކައިދެނީ އިސްލާމްދީނުގެ އަދި އިތުރު އެކަލޭގެފާނުގެ އިންސާނިއްޔަވަންތަ ކަމެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އަދި އެކަންކަން ކަށަވަރުވާ ހާދިސާތައް އެހާމެ ގިނަ އެވެ. ވަރަށް ޚުލާޞާކޮށް މީގެ ތެރެއިން ބައެއް ކަންކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.
މިގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ، ޚާދިމުންނާއި އަޅުންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެ އެވެ. "ތިމަންކަލޭގެފާނު ކީރިތި ރަސޫލާގެ އަރިހުގައި ދިހަ އަހަރު ޚިދުމަތް ކޮށްދެއްވީމެވެ. ދުވަހަކުވެސް ތިންކަލޭގެފާނަށް އުއްފުގެ މިންވަރު ވެސް ވިދާޅު ނުވެ އެވެ. ނުވަތަ މިވެނި ކަމެއް މިހެން ކުރީ ނުވަތަ މިހެން ނުކުރީ ކީއްވެހޭ ނުއައްސަވަ އެވެ." (ބުޚާރީ އާއި މުސްލިމް). އެކަލޭގެފާނުގެ އެންމެފަހު ވަޞިއްޔަތްފުޅުގައި ވެސް އަޅުންނަށް ހެޔޮކޮށް ހިތުމަށް ބާރުއެޅުއްވި އެވެ. (އަޙުމަދާއި އަލްބައިހަޤީ).
ދެވަނަ ކަމަކީ، ކުޑަކުދިންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ގޮތުގައި ރަސޫލާ ﷺ ގެ ކާފަދަރިފުޅަކަށް ބޮސްދެއްވި ހިނދެއްގައި އަލްއަޤްރަޢު ބުނު ޙާބިސް، ދުވަހަކުވެސް އެފަދައިން ޢަމަލު ނުކުރައްވާ ކަމަށް ވިދާޅުވުމުން ރަސޫލާ ﷺ ހަދީސްފުޅު ކުރެއްވި އެވެ. "(އިންސާނުންނަށް) ރަޙުމް ނުކުރާ މީހަކަށް (ﷲ) އޯގާވެރިވެ ވޮޑި ނުގަންނަވާނެ އެވެ." (މުއްތަފަޤު). އަނަސްބުނު މާލިކު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އަށް ވުރެ ބޮޑަށް ތުއްޕުޅު ބޭފުޅުންނަށް އޯގާތެރިވެވަޑައިގަންނަވާ އެހެން ބޭކަލަކު ދެކެވަޑައިނުގަންނަވަ އެވެ. (މުސްލިމް).
ތިންވަނަ ކަމަކީ، ނިކަމެތިންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ޙަބުޝްކަރައިގެ މުސްކުޅި ރާހިބާ އަކަށް ޒުވާނެއްގެ ފަރާތުން ގޯނާ ލިބުމުން، އެ ޒުވާނާއަށް ޤިޔާމަތް ދުވަހުން ބަދަލު ހިފިގެންދާނެކަމަށް އެ ރާހިބާ ބުނިކަމަށް ޖާބިރުގެފާނު ވިދާޅުވި އެވެ. މިވާހަކަ އަޑުއައްސަވައި ރަސޫލާ ﷺ ހަދީސްފުޅު ކުރެއްވި އެވެ. "އެ އުންމަތެއްގެ ހަރުކަށި މީހުންގެ ކިބައިން ނިކަމެތިން ސަލާމަތްކޮށްދޭން މަސައްކަތް ނުކުރާ އުންމަތަކަށް ﷲ ގެ ޙަޟްރަތުގައި މާތްކަމެއް ލިބިގެން ނުދާނެ އެވެ." (އިބްނު މާޖާ).
ހަތަރުވަނަ ކަމަކީ، އަސީރުންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ޢަލީގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ޠާއީގެ އަސީރުންގެ ތެރޭ ހިމެނުނު ޙާތިމުގެ ދަރިކަނބަލުން އޭނާގެ ބައްޕާފުޅުގެ ހެޔޮކަމުގެ ވާހަކަތައް ކިޔައިދިނެވެ. އެހިނދު ރަސޫލާ ﷺ ހަދީސްފުޅު ކުރެއްވީ އެ ހެޔޮކަމަކީ ހަގީގަތުގައި މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެއް ކަމަށެވެ. އެކަލޭގެފާނު އެ އަންހެނާ މިނިވަންކުރުމަށް އެންގެވި އެވެ. އަދި ރަށަށް ފޮނުވާލުމުގައި އިތުބާރު ކުރެވޭ ބަޔަކާ އެކުގައި ފޮނުވުމަށާއި އޭނާއަށް ހެޔޮކޮށް ހިތުމަށާއި ދަތުރުމަތީގެ ޚަރަދު ދިނުމަށް އިރުޝާދު ދެއްވި އެވެ. ﷲ އަށް އޮންނަ ލޯތްބަށްޓަކައި އަސީރުންނަށް ކާންބޯންދިނުމަށް ޤުރްއާނުގައި (އަލްއިންސާނު 8) ތަޢުރީފު ކުރެވިފައިވާތީ ކީރިތި ރަސޫލާ ﷺ އަޞްޙާބުންނަށް އަސީރުން ހަވާލު ކުރައްވާއިރު ވެސް އެ އަސީރުންނަށް ހެޔޮކޮށް ހިތުމަށް އަބަދުވެސް ވަޞިއްޔަތް ކުރައްވަ އެވެ.
ފަސްވަނަ ކަމަކީ، ހައްދު ގާއިމު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ރާބުއި މީހެއްގެ މައްޗަށް ހުކުމް ތަންފީޒު ކުރެވެމުން ދިޔައިރު އޭނާއަށް ނިކަމެތިކަން ދެއްވުމަށް އެދި ބައެއް ބޭކަލުން ދުޢާ ކުރެއްވި އެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ އެކަން މަނާކުރައްވައި އެގޮތަށް ނުހެއްދެވުމަށް ނަސޭހަތް ދެއްވެވި އެވެ. ޒިނޭކުރި ކަމަށް ތަކުރާރުކޮށް އިޢުތިރާފުވި އަންހެނަކަށް ހުކުމް ތަންފީޒު ކުރުމުގައި އޭނާގެ ހާލަތަށް ބަލައި ހުކުމް ލަސްކުރެވުނެވެ. އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމުގައި ބައިވެރިވެ ވަޑައިގަތެވެ. އަދި އޭނާގެ ތައުބާވުމަށް ތަޢުރީފު ކުރެއްވެވި އެވެ. (މުސްލިމް).
ހަވަނަ ކަމަކީ، އަންހެނުންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ކީރިތި ރަސޫލާ ﷺ ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ އެއްކަމަކީ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވުމެވެ. (ބުޚާރީ). އަދި ވަކިން ޚާއްޞަކޮށް އަޅުއަންހެނުންނަށް އެކަލޭގެފާނު ވަރަށް އޯގާތެރިވެ ވަޑައިގަންނަވަ އެވެ. އެއިން މީހަކު ކަމަކު އެދެފިނަމަ އެކަމެއް ފުއްދަވައިދެއްވާފައި ނޫނީ ދޫކޮށްނުލައްވަ އެވެ. (ބުޚާރީ). އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާ މުޢާމަލާތު ކުރެއްވެވީ އެންމެ ރިވެތި ގޮތުގަ އެވެ.
ހަތްވަނަ ކަމަކީ، މުސްކުޅިންނާއި ކުޑަކުދިންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސްފުޅު ކުރައްވާ ގޮތުގައި ކުޑަކުދިންނަށް ރަހުމް ނުކުރާ އަދި ބޮޑެތި މީހުންނަށް އިހުތިރާމް ނުކުރާ މީހުންނަކީ ފުރިހަމަ މުސްލިމުންގެ ތެރެއިން ހިމެނިގެން ނުވާ މީހުންނެވެ. (އަޙްމަދު އާއި ތިރްމިޛީ އާއި ޙާކިމް). އެކަލޭގެފާނުގެ ޢަމަލުފުޅުން ވެސް މިކަން ކަށަވަރު ކޮށްދެއްވި އެވެ.
އަށްވަނަ ކަމަކީ، ކުށްވެރިންނާ މުޢަމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވާ ގޮތުގައި އަޢުރާބީ އަކު މިސްކިތަށް ކުޑަކަމު ޤަޟާޙާޖާ ކުރުމުން އަޞްޙާބުން އެކަން ހުއްޓުވައި އޭނާއަށް އަދަބުދޭން މަސައްކަތް ކުރެއްވި ހިނދު ރަސޫލާ ﷺ އިރުޝާދު ދެއްވީ އޭނާ އެކަން ފުރިހަމަ ކުރަން ދޫކޮށްލައި އެއަށްފަހު އެތަނަށް ފެންއަޅައި ދޮވުމަށެވެ. އަދި ހަދީސްފުޅު ކުރެއްވީ "ހަމަކަށަވަރުން ތިޔަބައިމީހުން ފޮނުއްވިގެންވަނީ މީހުންނަށް ކަންކަން ފަސޭހަކޮށްދިނުމަށެވެ. މީހުންނަށް ދަތިއުނދަގޫ ކުރުމަކަށް ނޫނެވެ." (ބުޚާރީ).
ނުވަވަނަ ކަމަކީ، ޣައިރު މުސްލިމުންނާ މުޢާމަލާތު ކުރެއްވުމުގައި އިންސާނިއްޔަވަންތަ ވުމެވެ. ޣައިރު މުސްލިމުންނާ އެކުގައި އޮންނަ އިންސާނިއްޔަވަންތަ ގުޅުމަކީ ވަރަށް ފާހަގަ ކޮށްލެވޭ ގުޅުމެކެވެ. މުޝްރިކުންގެ އަނިޔާތަކާއި ދުއްތުރާތައް ބޮޑުވެ ކެތްނުކުރެވޭ ދަރަޖައަށް ދިއުމުން ބައެއް އަޞްޙާބުން އެދިވަޑައިގަތީ އެމީހުންގެ މައްޗަށް ބަދުދުޢާ ކޮށްދެއްވުމަށެވެ. އެހެންނަމަވެސް ރަސޫލާ ﷺ ހަދީސްފުޅު ކުރެއްވީ "ތިމަންކަލޭގެފާނު ފޮނުއްވިގެންވަނީ މީހުންނަށް ލަޢުނަތް ދިނުމަކަށް ނޫނެވެ. އެކަމަކު ހަމަކަށަވަރުން ތިމަން ކަލޭގެފާނު ފޮނުވުނީ ރަޙުމަތެއްގެ ގޮތުގަ އެވެ. (މުސްލިމް). ހަމަ މި ބީދައިން އުޙުދު ހަނގުރާމައިގެ ދުވަހު ވެސް އަޞްޙާބުން އެގޮތަށް އެދިވަޑައިގަތެވެ. ނަމަވެސް ރަސޫލާ ﷺ ދުޢާ ކުރެއްވީ އެމީހުންނަށް ހިދާޔަތު ދެއްވުމަށެވެ. ޠާއިފަށް ވަޑައިގެންނެވި ދުވަހު ޖިބުރީލުގެފާނު ވިދާޅުވީ އެކަލޭގެފާނަށް އަނިޔާކުރި މީހުންގެ މައްޗަށް ދެ ފަރުބަދަ ވައްޓާލުމަށް އެކަމާ ގުޅޭ މަލާއިކަތުން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެކަމަކު ރަސޫލާ ﷺ އެދުވަހު ވެސް ބަދަލެއް ނުހިއްޕަވަ އެވެ. އަދި ދުޢާ ކުރެއްވީ އެމީހުންނަށް ހިދާޔަތު ނުލިބޭ ނަމަ އެ މީހުންގެ ބުރިކަށިތަކުން އެފަދަ ބަޔަކު ނެރުއްވުމަށެވެ. ޔަހޫދީން ރަސޫލާ ޤަތުލުކޮށްލަން އެތައް ފަހަރެއްގެ މަތިން ރާވައި މަސައްކަތް ކުރި އިރުވެސް ބަދަލެއް ނުހިއްޕަވަ އެވެ.
މިފަދަ އެތައް ކަމަކުން ކީރިތި ނަބިއްޔާގެ އިންސާނިއްޔަވަންތަ ނަމޫނާ ފެނިގެން ދެއެވެ. ވީމާ މި ނަމޫނާ ކޮޕީކޮށް އަޅުގަނޑުމެން ވެސް އިންސާނިއްޔަވަންތަ ބަޔަކަށް ވާން ޖެހެ އެވެ. އަދި ދަރިން ތަރުބިޔަތު ކުރުމުގައި އެދަރިންގެ ކިބައިގައި އިންސާނިއްޔަވަންތަކަން ހުންނާނެ ފަދަ ގޮތަކަށް ތަރުބިޔަތު ކުރަން ސަމާލުވާން ޖެހެ އެވެ. މުޖުތަމައުގައި ކަންކަން އިސްލާހުވެ އަމާންކަމާއި ހަމަޖެހުން ލިބުމަށްޓަކައި އިންސާނިއްޔަވަންތަ މުޢާމަލާތްތައް ދަމަހައްޓަން ޖެހެ އެވެ. މުއުމިނުންނަކީ އެއް ހަށިގަނޑެއްގެ މިސާލު ފަދައިން މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަން ދަމަހައްޓަން މަސައްކަތް ކުރާ ފަދައިން އެންމެހާ އިންސާނުންގެ މެދުގައި އިންސާނިއްޔަވަންތަ ކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހެ އެވެ.