29 އޮކްޓޯބަރ 2020 - 10:40

މިލާން (އޮކްޓޫބަރު 29) – އޭސީ މިލާނުގެ ލެޖެންޑަރީ ކެޕްޓަން ފްރޭންކޯ ބަރޭސީ އަށް އެ ކްލަބުގެ އޮނަރަރީ ނައިބް ރައީސްކަން ދީފި އެވެ.
ކުޅުން ހުއްޓާލުމަށް ފަހު މިލާނުގެ ޔޫތު ޓީމުތަކަށް ކޯޗުކޮށްދިނުމަށް ފަހު އޭނާ ފަހުން ހުރީ ކްލަބުޔގެ އެމްބެސެޑަރެއްގެ މަގާމުގަ އެވެ.
މިލާނުގެ ޗެެއާމަން ޕައޮލޯ ސްކަރޯނީ ވިދާޅުވީ ބަރޭސީ އަށް ކްލަބުގެ މުހިއްމު މަގާމެއް ދެނީ އުފަލާ އެކު ކަމަށާއި، އޭނާ ކުޅުން ހުއްޓާލިތާ 23 އަހަރު ފުރޭ ދުވަހު އެ މަގާމް އޭނާއާ ހަވާލުކުރެވޭތީ ހިތްހަމަޖެހޭ ކަމަށެވެ.
ބަރޭސީ ބުނީ އޭނާ މުޅި ކެރިއަރު ހޭދަކުރި ކްލަބުގެ އަދި ކޯޗިން ކެރިއަރު ވެސް ފެށި ކްލަބުގެ އޮނަރަރީ ނައިބް ރައީސްގެ މަގާމް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށެވެ.
1972 ވަނަ އަހަރު މިލާނުގެ އެކަޑަމީއާ ގުޅުނު ބަރޭސީ 1977 ވަނަ އަހަރު ސީނިއާ ކެރިއަރު ފަށައި 1997 ގައި ކުޅުން ހުއްޓާލުމާ ހަމަޔަށް ކުޅުނީ ރަތާ ކަޅުގެ ޖާޒީގަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންޑަރު ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ހަ ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ.
ބަރޭސީ ވަނީ އިޓަލީއާ އެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 1990 ވަނަ އަހަރު ތިން ވަނަ އަދި 1994 ވަނަ އަހަރު ދެ ވަނަ ހޯދައިފަ އެވެ. މީގެ ތެރެއިން 1994 ވަނަ އަހަރު ފައިނަލުގައި ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު ކެޕްޓަނަކީ ބަރޭސީ އެވެ.
ބަރޭސީ އަށް ފަހު މިލާނުގެ ކެޕްޓަން ބޭންޑް އެޅި އަދި އޭނާ ފަދައިން ހުނަރުވެރި ޑިފެންޑަރެއްގެ ގޮތުގައި ފަހަގާވި ކާމިޔާބު ކެޕްޓަން ޕައޮލޯ މަލްޑިނީ އަކީ މިހާރު އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރެވެ.