29 އޮކްޓޯބަރ 2020 - 12:33

އެރިޒޯނާ (އޮކްޓޯބަރު 29) - ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރީގައި އުޅުއްވާ ކަމަށް ދައްކަނީ ފޭކް ޕޯލްތަކުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެރިޒޯނާގައި ކެމްޕޭން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ ވިސްކޮންސިންގައި އެމަނިކުފާން 17 ޕޮއިންޓް ފަހަތުގައި އުޅޭ ކަމަށް ދާދި ފަހުން ނެރުނު ސާވޭއަކުން ދައްކާފައިވާ ކަަމަށެވެ.
"އެއީ މުޅިން ފޭކް ޕޯލެއް. އަޅުގަނޑަށް 2016 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުވުމުގައި އެހީވި ސްޓޭޓުގައި، އަޅުގަނޑު އެއް ޕޮއިންޓުން ކުރީގައި އުޅޭ ކަމަށް ދައްކަނީ" ޓްރަމްޕް ވިދާޅުވި އެވެ.
ރިޕަބްލިކަން ކޮންޓްރޯލް ކުރަމުން އަންނަ ޓެކްސަސްގައި ވެސް ޓްރަމްޕް ކުރީގައި އުޅުއްވަނީ އެއް ޕޮއިންޓުން ކަމަށް ސާވޭތަކުން ދައްކަ އެވެ.
"މިއީ ގަބޫލް ކުރެވޭނެ ނަތީޖާތަކެއް ނޫން. 2016 ގައި ވެސް މިފަދަ ޕޯލްތައް ނެރުނު،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ހަތަރު ސްޓޭޓުގަައި ކެމްޕޭން ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ވާދަވެރި ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، ޖޯޖިއާ، ވިސްކޮންސިން، މިޝިގަން، ނެވާޑާ އަދި އެރިޒޯނާގައި ކުރީގައި އުޅުއްވަނީ އެމަނިކުފާން ކަމަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ އިންތިޚާބުގައި މިހާތަނަށް ވަނީ 71 މިލިއަން މީހުން ވޯޓުލައިފަ އެވެ. އެއީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރު އަދަދެކެވެ.