28 އޮކްޓޯބަރ 2020 - 21:48

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެކު އެއްބަސްވުމެއްްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެ އިދާރާއިން ފަށާފައިވާ "މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ އެންމެ މުހިންމު އެއް އަސާސެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މާލީ ދާއިރާއިން ހުޅުވިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މި ސިސްޓަމް ގާއިމް ކުރުމުގެ ސަބަބުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތް ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ ފަސޭހަކާމާއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވަން މަގުފަހި ވެގެންދާނެ އެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައް ދޭ ފަރާތްތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ހިދުމަތް ދިނުމުގެ ފުރުސަތު ވެސް މި ސިސްޓަމުގެ ސަބަބުން ހުޅުވިގެންދާނެ އެވެ.
އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާ ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭމަންޓް ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރު ވެސް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއެކު، ފިންލެންޑުގައި ފުރަތަމަ ގާއިމުކުރި ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމް ވެސް ފޯރުކޮށްދިނީ އެ ކުންފުނިންނެވެ. މީގެ އިތުރުން، ކެންޔާގައި ވެސް "ޕެސާލިންކް"ގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް އެ ކުންފުނިން ވަނީ ގާއިމުކޮށްދީފަ އެވެ.
އެ ކުންފުނީގެ ހެޑް އޮފް ޕޭމަންޓްސް، އިލްކާ ކޮރްކިއަކޮސްކީ ވިދާޅުވިގޮތުގައި ރާއްޖޭގައި ގާއިމުކުރާ މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. އަދި މީގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހިވުމާ އެކު، އާ އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މި ޕޭމަންޓް ސިސްޓަމް ރާއްޖޭގައި ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގަ އެވެ.