28 އޮކްޓޯބަރ 2020 - 21:53

ހދ. ކުޅުދުއްފުށިން ކޮވިޑް-19އަށް ބަޔަކު ޕޮޒިޓިވްވެ، މޮނިޓަރިންއަށް ލާފައި އޮންނަތާ 11 ދުވަސްފަހުން، ރަށް އާއްމު ހާލަތަށް ގެނެސްފި އެވެ.
މިއީ، ގިނަ އަދަދެއްގެ ބަޔަކު އަރާފައިބާ ކުޅުދުއްފުށި މޮނިޓަރިންއަށްލީ ދެ ވަނަ ފަހަރެވެ. މި މަހުގެ ފަހެއްގައި، އެ ރަށް އެންމެ ފުރަތަމަ މޮނިޓަރިންއަށްލީ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންތަކެއް ބައްޔަށް ޕޮޒިޓިވްވުމުންނެވެ. އެ ފަހަރު، އެ ރަަށުން 15 މީހަކަށް ބަލި ޖެހުނެވެ.
ފަހުން އެ ފުލުހުންނާ ގުޅުން ހުރި ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނެ އެވެ.
ދެ ވަނަ ފަހަރަށް ކުޅުދުއްފުށި މޮނިޓަރިންއަށްލީ އެ ރަށު ޕޮލިސް ސްޓޭޝަނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުހުންނާ ގުޅުން ހުރި ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނީ ކުޅުދުއްފުށީގެ ހާލަތަށް ބަލައި، އެ ރަށް މޮނިޓަރިންގެ ހާލަތުގައި ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު ބަލާފައި އޭރު އެ ރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަންއެއް ކަމަށް އެޗްޕީއޭން ވަނީ ކަނޑައަޅާފަ އެވެ. އެތަނުން ވަނީ އެ ރަށުން ޕޮޒިޓިވްވި މީހުންނާ ބައްދަލުވި 183 މީހެއްގެ ސާމްޕަލް ނަގައިފަ އެވެ.
މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫ އާއި އެ އަތޮޅު ބާރަށާއި ހޯރަފުށި އަދި ށ. ފޮނަދޫގައި ވެސް ކޮންޓެކްޓުން ތިބި ކަމަށް އެޗްޕީއޭ އިން ކުރިން ބުންޏެވެ.