މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމުގެ ކަންކަމަށް އޮންލައިން ޕޯޓަލެއް
މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމުގެ ކަންކަމަށް އޮންލައިން ޕޯޓަލެއް

މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަމަށް ހާއްސަކޮށްގެން އޮންލައިން ޕޯޓަލެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ބެެލެނިވެރިންނަށް ހާއްސަކޮށް ޕޯޓަލެއް ހެދީ، ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަކުރުމަށެވެ. އެޑިއުކޭޝަންގެ ވެބްސައިޓް އަދި forms.moe.gov.mv އަށް ވަދެގެން ފޯމު ހުށަހެޅޭނެ އެވެ.

ދަރިން ސްކޫލަށް ވެއްދުމަށާއި ކިޔަވަމުންދާ ސްކޫލު ބަދަލުކުރުމަށް މީގެ ކުރިން ޖެހެނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީއަށް ދާށެވެ.

ސްކޫލަށް ކުދިން ވައްދާ ފޯމުގެ އިތުރުން އެކަމާ ގުޅޭ އިތުރު ޑޮކިއުމެންޓުތައް ވެސް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އަދި ޖާގަ ލިބޭ ސްކޫލަށް އިތުރު ޑޮކިއުމަންޓް ހުށަހަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަންކަން ހަމަޖެހިގެންދާނެ އެވެ. މީގެ އިތުރުން ސްކޫލަށް ކުދިން ވެއްދުމާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ވެސް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބިޑް ރަޖިސްޓްރޭޝަނާއި ޝަކުވާ ހުށަހެޅުން އަދި ރިސާޗް ހެދުމުގެ ހުއްދައަށް އެދުމަށް ވެސް އެ ޕޯޓަލް އިން އެދެވޭނެ އެވެ.

މިނިސްޓްރީން ބުނީ އޮންލައިންކޮށް ފޯމް ހުށަހެޅުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް ފޮނުވޭނެ ކަމަށެވެ.