28 އޮކްޓޯބަރ 2020 - 13:21

ޖަރުމަނުގެ އެންމެ ބޮޑު އެއާލައިން، ލުފްތަންސާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
އެ އެއާލައިނުން ދަތުރުތައް ފަށައިފައިވަނީ ހޫނު މޫސުމާ ދިމާކޮށެވެ. އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.
ލުފްތަންސާ އިން ރާއްޖެ އާއި ޖަރުމަނާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ. އެއީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގަ އެވެ.
ލުފްތަންސާގެ ދަތުރުތައް މިއަދު އަލުން ފަށާފައިވާއިރު ޔޫއޭއީގެ ފްލައިދުބާއީގެ ދަތުރުތައް ވެސް އިއްޔެ ވަނީ އަލުން ރާއްޖެ އަށް ފަށައިފަ އެވެ. ފްލައިދުބާއީން ހަފުތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރާނެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވާއިރު މިހާތަނަށް 14 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށައިފަ އެވެ. އަންނަ މަހުގެ ނިޔަލަށް 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.