01 ނޮވެމްބަރ 2016 - 06:44

އައިފޯނުގައި، އެހެން ފޯނެއްގައި ނެތް، ގިނަ ސިފަތަކެއް އެބަ ހުއްޓެވެ. ވާދަވެރިންގެ ފޯނުތަކުގައި ހުރި ކިތައްމެ ސިފައެއް، އައިފޯނަށް ވެސް ގެންނަން ޖެހެ އެވެ. އައިފޯނު ޑިސްޕްލޭ ޓެކްނޮލޮޖީ ބަދަލުކުރަން ޖެހެ އެވެ. ވަޔަލެސް ޗާޖިން ގެންނަން ޖެހެ އެވެ. މިއީ ވަފާތެރިން އެންމެ ބޮޑަށް ބޭނުންވެގެން އުޅޭ ދެ ފަސޭހަ އެވެ.
އައިފޯނުން 3.5އެމްއެމް އޯޑިއޯ ޖެކް ނައްތާލުން ގިނަ ގޮތްގޮތަށް މާނަކުރެވެ އެވެ. އޭގެ ތެރެއިން ދެން ހުރި ބައިތައް ކޮންމެވެސް އެހެން ލިޔުމެއްގައި މާނަކުރަން އުންމީދުކުރަމެވެ. މި ފަހަރު ދައްކާނީ ވަޔަލެސް ޗާޖިންގެ ވާހަކަ އެވެ.
ވާދަވެރިންގެ ފޯނުތަކުގައި، ސްކްރީންގެ ދާރަ ބިއްލޫރި އަށް ބަދަލުކޮށް، އޮޅާލާފައި ހުންނަ ސިފަ، އައިފޯނުގައި ޖައްސަން ޖެހެ އެވެ. ސްކްރީންގެ ކައިރިފަށް އަނެއް ފަރާތަށް ލަންބާލައި، ސެމްސަންގް ސްކްރީންތަކަށް އާނދޮގޭ ބުނަން ޖެހެ އެވެ. އެހެން ނޫނީ ވާދަވެރިކަމަކީ ކޮބައިހެއްޔެވެ؟ އިވޭ ގޮތުގައި އެލްޖީ އާއި ސެމްސަންގް ވެސް އެޕަލް އަށް އެހީވާނެ އެވެ.
އައިފޯނު 8 ގައި އިންނާނީ "އޯލެޑް" ޑިސްޕްލޭއެއް ކަމަށް ބުނެވެ އެވެ. ވާދަވެރިންގެ ސްކްރީންތަކުގައި ހުންނަ ތޫނުކަން އައިފޯނަށް ގެނައުމަށް މަސައްކަތްކުރާ ކަމަށް ޝާޕް ކުންފުނީގެ އޮފިޝަލަކު ވެސް ބުންޏެވެ. އައިފޯނު 8 އަށް ވަޔަލެސް ޗާޖިން ގެންނާނެ ކަމަށް ބުނެވޭ އަޑުތައް ވެސް ގަދަ އެވެ.
އައިފޯނު އުފައްދަނީ ފޮކްސްކޮސް ފެކްޓަރީގަ އެވެ. އެ ތަނުގައި މިހާރު ހިނގާ ޕްރޮޖެކްޓްތަކާ ބެހޭ މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުގައި، އައިފޯނު 8 އަށް ވަޔަލެސް ޗާޖިން ގެނައުމަށްޓަކައި، އެޕަލުން ބޭނުންވާ މިންގަޑު ކަނޑައެޅުމުގެ މަސައްކަތްތައް ފޮކްސްކޮންގައި އެބަ ހިނގަ އެވެ.
އައިފޯނަށް އަންނަ އަހަރު 10 އަހަރު ފުރޭނެ އެެވެ. އެ މުނާސަބަތުގައި އައިފޯނަށް ބޮޑު ބަދަލުތަކެއް ގެނައުމަށް އެޕަލް ބޭނުންވެ އެވެ. ފަހަރުގައި ވަޔަލެސް ޗާޖިން އާއި އޯލެޑް ޑިސްޕްލޭ އަށް އައިފޯނު ބަދަލުކޮށްލުމަކީ ކޮށްފާނެ ކަމެކެވެ.
އައިފޯނަށް ގެންނަ ބަދަލުތައް އެޕަލްގައި ދުރާލާ ޓެސްޓްކުރެވެ އެވެ. އެޕަލް އަށް އެ ޑިޒައިނަކަށް ނުވަތަ ޓެކްނޮލޮޖީއަކަށް މުޅިން އިތުބާރުކުރެވުމަށް ދާންދެން އައިފޯނުގައި އެ ސިފައެއް ނުޖައްސަ އެވެ. އެހެންކަމުން މި އަންނަ އަހަރު ވަޔަލެސް ޗާޖިން ގެންނަ ނަމަ، މިހާރު ވާނީ ހުރިހާ ކަމެއް ހަމަޖައްސައި، ޓެސްޓް ވެސް ކޮށްފަ އެވެ. އެޕަލްގެ އުފެއްދުންތަކުގައި ދެމެހެއްޓެނިވި ސިފަ އާއި ފެންވަރު ހުންނަނީ އެހެންވެ އެވެ.