ޔާމީން ޖަލުގައި އޮންނަވަނިކޮށް ނިޒާމާ ބެހޭ މަޝްވަރާއެއް ނުކުރެވޭނެ: އާދަމް ޝަރީފް
ޔާމީން ޖަލުގައި އޮންނަވަނިކޮށް ނިޒާމާ ބެހޭ މަޝްވަރާއެއް ނުކުރެވޭނެ: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވަނިކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ރިއާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ ނިޒާމުގެ ކަންތަކުގައި ރައްޔިތުން ނިންމާފައިވާ ގޮތަށް ކުރިއަށްދާން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން އެކަމުގައި ކުރިން ގޮތެއް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން މިވަރުގެ ކަމެއް ހުށަހެޅިގެން ދާއިރު ހަގީގަތުގައި އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލެއް ނުކުރޭ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް، މަލްޓިޕާޓީ ޑިމޮކްރަސީގެ ވެރިކަމެއްގައި ފުރިހަމަ ދައުރެއް ފުރިހަމަކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަޔޫމް ޖަލުގައި އޮންނަވަނިކޮށް މިކަހަލަ މަޝްވަރާއަކަށް ދާކަށެއް އަަޅުގަނޑު ތައްޔާރެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ރައްޔިތުންނަށް ލާބަ އާއި މަންފާވާ ގޮތަށް ވެރިކަން ކުރުމަކީ ވަކި ނިޒާމަކަށް ހާއްސަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެ، ނިޒާމު ބަދަލުކުރަން ފުރުސަތު އޮތްކަން ގަބޫލުކުރައްވާ ކަން ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިޚުލާސްތެރިކަން އޮތިއްޔާ ކޮންމެ ނިޒާމަކުން ވެސް ފައިދާކުރާނެ ކަމަށެވެ. ކޮންމެ ނަމެއްގައި އޮތް ނަމަވެސް ރާއްޖޭގައި މިހާރު ކުރާތަން ފެންނަނީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި އާއިލީ ވެރިކަމެކެވެ.

"މިއެއް ނޫން މަލްޓިޕާޓީ ޑިމޮކްރަސީގައި ރައްޔިތުން ބޭނުންވާނެ ގޮތަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހެޅުއްވީ، އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރިއާސީ ނިޒާމުގައި ރައީސާއި ވަޒީރުން ޒިންމާދާރު ކުރުވޭވަރު ކުޑަކަމުން ރައީސްގެ ބާރު މާ ގަދަކޮށް އޮންނާތީ އެވެ. ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅުއްވުމުގެ ކުރިން "މިހާރު" އަށް ޖާބިރު ވިދާޅުވެފައި ވަނީ ރިއާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮ ގޮތުގައި ހިންގޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.