ނިކިލް ދިވެދީގެ "ނާގިން" ޓްރިލޮޖީ ޝްރަދާ ކަޕޫރަށް
ނިކިލް ދިވެދީގެ "ނާގިން" ޓްރިލޮޖީ ޝްރަދާ ކަޕޫރަށް

އެކްޓަރު/ޕްރޮޑިއުސަރު ނިކިލް ދިވެދީ ހަދަން ނިންމާފައިވާ "ނާގިން" ޓްރިލޮޖީ އަށް ޝްރަދާ ކަޕޫރް ސޮއިކޮށްފި އެވެ.

ހަރުފައަކަށް ސިފަ ބަދަލުކޮށް އިންސާނުންގެ ކިބައިން ބަދަލު ހިފާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން ޒުވާން ބަތަލާ ވަނީ "ނާގިން" ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ. ޝްރަދާ ބުނިގޮތުގައި އޭނާ ބޮޑުވަމުން އައި ދުވަސްވަރު ވެސް އެ ޖޯންރާގެ ފިލްމުތަކެއް ބެލި، ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެވިފައިވެ އެވެ. އެގޮތުން ކުރީގެ ބަތަލާ ސްރީދޭވީ ކުޅުނު "ނާގިނާ" އާއި އޭގެ ސީކްއެލް "ނިގާހޭ" އަކީ ވަރަށް ކަމުދިޔަ ފިލްމުތަކެއް ކަމަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ.

"ނާގިން އަކީ އިންޑިއާގެ ފޯލްކޯރްގެ ވެސް ވަރަށް ބޮޑު ހިއްސާއެއް. ނާގިންއެއްގެ ރޯލް ކުޅެން ލިބުމަކީ އައިކޮނިކް ކެރެކްޓާއެއް ކުޅެން ލިބުން ކަހަލަ ކަމެއް،" އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ. "އަބަދު ވެސް ވަރަށް ކުޅެން ބޭނުންވި ކަހަލަ ކެރެކްޓާއެއް ކުޅެން މި ލިބުނީ."

"ނާގިން" ތިން ފިލްމު ޑައިރެކްޓްކުރާނީ ވިޝާލް ފޫރިއާ އެވެ. އަދި ތިން ފިލްމު ވެސް ގެނެސްދޭނީ ނިކިލްގެ ފިލްމު ކުންފުނި ސެފްރޯން ބްރޯޑްކާސްޓް އެންޑް މީޑިއާ ލިމިޓެޑުންނެވެ. އެކަމަކު ފިލްމުތަކުގެ މަސައްކަތް ފަށާނެ އިރަކާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އިން ފެނިގެން ދިޔަ ޝްރަދާ، 33، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރް ކަޕޫރާ އެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.