ހިޔާގައި މަރުވި ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަކު ނެތް؛ ޕޮލިސް
ހިޔާގައި މަރުވި ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަކު ނެތް؛ ޕޮލިސް

ހުޅުމާލޭގައި ހުންނަ "ފިޔަވަތި"ގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ތުއްތު ކުއްޖާގެ މަންމަ، ފުލުހުން ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައަކާ ގުޅިގެން މި ވަގުތު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އަދި އެ ކުއްޖާގެ މަންމަ މި ވަގުތު ފުލުހުންގެ ބަންދުގައި އެއްވެސް ތަނެއްގައި ނެތް ކަމަށް ވެސް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.

ފުލުހުން އެ ގޮތަށް ބަޔާނެއް ނެރެފައި މިވަނީ، ތުއްތު ކުއްޖާގެ މަންމަ ހައްޔަރު ކޮށްފައިވާ ކަމަށް "މިހާރު" ގައި މިއަދު ޝާއިއުކުރި ޚަބަރެއް ދޮގު ކުރަމުންނެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

ފުލުހުން އެ ޚަބަރު ދޮގު ކުރި އިރު، "މިހާރު" ން ޝާއިއުކުރި ޚަބަރުގައި، އެ ތުއްތު ކުއްޖާގެ މަންމަ ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށް ބުނެފައެއް ނުވެ އެވެ. އަދި އެ މީހާ ހައްޔަރު ކުރީ، އޭނާ ވިހެއި ދަރިފުޅުގެ މަރާ ގުޅޭ ކަމެއްގައި ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.