ރެއާލާއި އިންޓަގެ މެޗުތައް އެއްވަރު
ރެއާލާއި އިންޓަގެ މެޗުތައް އެއްވަރު

މެޑްރިޑް (އޮކްޓޫބަރު 28) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް ބީ ގައި ރޭ ރެއާލް މެޑްރިޑާއި އިންޓަ މިލާން ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ގްރޫޕް އޭ ގައި ބަޔާން މިއުނިކާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

ގްރޫޕް ބީ ގައި ރެއާލް މެޑްރިޑް ރަށުން ބޭރުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ 2-2 އިން އެއްވަރުއިރު އިންޓަ ރަށުން ބޭރުގައި އެއްވަރުވީ ޝަޚުތަރު ޑޮނެޓްސްކާ 0-0 އިންނެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ޝަޚުތަރެވެ. ގްލަޑެބްކާ އިންޓަ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން ދެ ވަނައިގައި އޮތީ ގްލަޑްބެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް އޮތީ އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ.

ރެއާލާއި ގްލަޑްބެކް ކުޅުނު މެޗުގައި ގްލަޑްބެކްގެ މާކަސް ތުރާމް ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ރެއާލް ސަލާމަތްވީ ފަހު ވަގުތެވެ. އެގޮތުން 87 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ތަފާތު ކުޑައިރު އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ތެރޭ ކަސެމިރޯ އެވެ.

ގްރޫޕް އޭ ގައި ބަޔާން މޮޅުވީ ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯ އަތުން 2-1 އިންނެވެ. އެތުލެޓިކޯ މޮޅުވީ އަމިއްލަ ދަނޑުގައި ސަލްޒްބާގް އަތުން 3-2 އިންނެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ބަޔާނެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. މޮސްކޯ އާއި ސަލްޒްބާގަށް އެއް ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން ތިން ވަނައިގައި އޮތީ މޮސްކޯ އެވެ.

މޮސްކޯއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ގޯލް ޖަހައިދިނީ ލެއޮން ގޮރެޓްޒްކާ އެވެ. މޮސްކޯ އިން 70 ވަނަ މިނެޓުގައި އެއްވަރުކޮށްފައިވަނިކޮށް ބަޔާން މޮޅުކޮށްދިނީ 79 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗެވެ.

ސަލްޒްބާގާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ލޮރެންޓޯގެ ގޯލުން އެތުލެޓިކޯ ކުރި ހޯދި އެވެ. އޭގެ ފަހުން ސަލްޒްބާގުން ފަހަތުން އަރައި ނަތީޖާ 2-1 އަށް ބަދަލުކުރި އެވެ. އެތުލެޓިކޯ މޮޅުވީ ޔޮއާއޯ ފެލިކްސް ޖެހި ދެ ގޯލުންނެވެ.