28 އޮކްޓޯބަރ 2020 - 10:06

ލުސޭން، ސްވިޒަލެންޑް (އޮކްޓޫބަރު 28) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.
އުމުރުން 50 އަހަރުގެ އިންފަންޓީނޯ ޕޮޒިޓިވްވުމާ އެކު ކުރިއަށް އޮތް 10 ދުވަސް ހޭދަކުރައްވާނީ އައިސޮލޭޝަނުގަ އެވެ. ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންފަންޓީނޯއާ ފާއިތުވި ދުވަސްތަކުގައި ބައްދަލުވި މީހުންނަށް އިންފަންޓީނޯ ވައިރަހަށް ޕޮޒިޓިވްވި މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
އެންމެ ފަހުން އިންފަންޓީނޯ އާންމުންނަށް ފެންނަ ގޮތަށް ބައިވެރިވި ހަރަކާތަކީ ފީފާގެ ކޮމްޕަލަޔަންސް ސަމިޓް އެވެ. މި މަހު 16 ވަނަ ދުވަހު އޮތް އެ ބައްދަލުވުން ވެސް ކުރިއަށް ދިޔައީ އޮންލައިން ކޮށެވެ. އިންފަންޓީނޯ ހުންނެވި ސްވިޒަލެންޑަކީ ފާއިތުވި ދުވަސްތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވި ގައުމެކެވެ. މިއަދުގެ ވަގުތެއްގައި ސްވިޒަލެންޑް ސަރުކާރުން ކޮވިޑް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން ވަނީ ނިންމައިފަ އެވެ.
ފީފާގެ އޮފިޝަލަކު ފްރާންސްގެ ނޫހަކަށް އިން އިންޓަވިއުއެއްގައި ބުނީ އިންފަންޓީނޯއާ ވައިރަސް ޖެހުނު ގޮތެއް ސީދާ ބުނަން ނޭނގޭ ކަމަށާއި ފުރުސަތު ބޮޑީ ފީފާ ހެޑްކުއާޓަރުތެރެއިން ބައްދަލުވި މީހެއްގެ ފަރާތުން ކަމަށެވެ.
ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ. އެ ފެޑެރޭޝަނުގައި ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތްކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ލިބިވަޑައިގަތެވެ. އަދި އޭގެ ދެ އަހަރު ފަހުން ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފްކުރައްވައި 13 ގައުމުގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޕްލޭނުގެ މަސައްކަތްކުރެއްވި އެވެ.
ފީފާގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް މިދިޔަ އަހަރު އިންތިހާބުވެވަޑައިގަތުމަށް ފަހު އިންފަންޓީނޯ ވަނީ ގިނަ ބަދަލުތަކެއް ގެންނަން ވައުދުވެ ވަޑައިގެންފަ އެވެ.