28 އޮކްޓޯބަރ 2020 - 06:25

އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދިއުމުގެ ހުއްދަ އަންނަ މަހުން ފެށިގެން ދޭއިރު، އުމްރާގެ ކުރިން ކަރަންޓީނުގައި ތިބެން ޖެހޭނީ ތިން ދުވަހު ކަމަށާއި އިހްރާމް ބަންނާނީ އެ މީހަކު ހުންނަ ހޮޓަލެއްގައި ކަރަންޓީނު ފުރިހަމަކުރުމަށް ފަހު އެންމެ ކައިރި މީގާތަކަށް ދިއުމަށް ފަހުގައި ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ އިހްރާމް ބަނުމަށް މީގާތަކަށް ގެންގޮސްދިނުމަކީ އެ މީހަކު އުމްރާ އަށް ގެންދިއުމާ ހަވާލުވި ކުންފުންޏެއްގެ ޒިންމާއެއް ކަމަށެވެ.
ސައޫދީ ނޫން ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް އެ ގައުމަށް ދެވޭ ގޮތަށް ފުރުސަތު ދެނީ، ކޮވިޑް-19 ފެތުރޭތީ ސައޫދީގެ ބޯޑަރު ބަންދުކޮށް އުމްރާގެ އަޅުކަން މެދުކަނޑާލައި ހަރަމްފުޅު ވެސް އާންމުންނަށް ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ފަހުން އަލުން ފަށައިގަތުމުގެ ތިން ވަނަ މަރުހަލާގަ އެވެ. މި މަރުހަލާގައި ކޮންމެ ދުވަހަކު 20،000 މީހުންނަށް އަޅުކަމުގެ ފުރުސަތު ދޭނެ އެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.
އުމްރާގެ އަޅުކަން އަލުން ފެށީ ސައޫދީގައި އުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ.
ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ ގައުމުތަކުގައި ކޮވިޑް-19 އޮތް ހާލަތު ސައޫދީގެ ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ބަލަމުން އަންނަ ކަމަށާއި އެކި ގައުމުތަކުގެ މީހުންނާ މެދު އަމަލުކުރާނެ ގޮތުގެ ލަފާ އެ އިދާރާ އިން ދެމުން އަންނަ ކަމަށެވެ. އުމްރާ އަށް މީހުންނަށް އާދެވޭ ގައުމުތައް ކަނޑައަޅަނީ މި މައުލޫމާތަށް ބަލައިގެންނެވެ.
ސައޫދީގައި ކޮވިޑް-19 ފެތުރުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވުމުން، އުމްރާގެ އަޅުކަން އަލުން ފަށައި އަދި އެހެން ގައުމުތަކުގެ މީހުން އެ ގައުމަށް ގޮސް އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިން ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާ ނަމަ ފުރުސަތުތައް ހަނިކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަނި އުމްރާ އަށް އަންނައިރު ހެލްތު އިންޝޫރެންސް ވަނީ ލާޒިމު ވެސް ކޮށްފަ އެވެ.