28 އޮކްޓޯބަރ 2020 - 11:58

ޖެނީވާ (އޮކްޓޯބަރު 28) - މީގެ އެއްހަފުތާ ކުރިއާ އަޅާބަލާއިރު ޔޫރަޕުގައި ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހަކު މަރުވާ މީހުންގެ ރޭޓް މިހާރު 40 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން ޑރ. މާގަރެޓް ހަރިސް ވިދާޅުވީ ފްރާންސް، ސްޕޭން، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ރަޝިޔާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
"އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ވަރަށް ބަލި މީހުންނާ އެކު ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ފުރެމުންދާތީ،" ހަރިސް ވިދާޅުވި އެވެ.
ބީބީސީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ހެރިސް ވިދާޅުވީ ޔޫރަޕުން ކޭސްތައް އިތުރުވަމުންދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެވެ. އެ ގޮތުން ދުވާލަކު ޕޮޒިޓިވްވާ ރޭޓް ތިންބައިކުޅަ އެއްބަޔަށް އިތުރުވެފައިވާ އިރު މަރުވާ ރޭޓް 40 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
"ހޮސްޕިޓަލްތަކުގެ ޖާގަ ކިތަންމެ ރަނގަޅަކަށް މެނޭޖްކުރި ނަމަވެސް، ވަރަށް ގިނަ ގައުމުތަކުގައި ހޮސްޕިޓަލްގެ ޖާގަތައް ދަނީ ވަރަށް އަވަހަށް ފުރެމުން،" އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާން ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އެންމެ އަވަހަށް ވެސް ފެންނާނީ ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.
ރަޝިޔާ އިން އިއްޔެ ވަނީ 320 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 26،589 އަށް އަރައިފަ އެވެ. އެމެރިކާ، އިންޑިއާ އަދި ބްރެޒިލަށް ފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރަޝިޔާ އިންނެވެ. ރަޝިޔާގައި ދަނީ ދުވާލަކު ހާހަކަށް ވުރެ ގިނަ މީހުން އެޑްމިޓްކުރަމުންނެވެ. ފްރާންސް އިން އިއްޔެ އެކަނި 523 މީހުން މަރުވެފައިވާ އިރު ސްޕޭނުން ވަނީ 267 މީހުން މަރުވެފަ އެވެ. އިޓަލީން ވެސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 221 މީހުން މަރުވެފަ އެވެ. އިނގިރޭސިވިލާތުން ވަނީ 367 މީހުން މަރުވެފަ އެވެ.
ރަޝިޔާ އިން އިއްޔެ އެކަނި 16،550 މީހުން ޕޮޒިޓިވްވިއިރު ފްރާންސް އިން ވަނީ 33،417 މީހުން ޕޮޒިޓިވްވެފަ އެވެ. ސްޕޭނުން 18،418 މީހުން ޕޮޒިޓިވްވެފައިވާ އިރު އިނގިރޭސި ވިލާތުން އިއްޔެ ވަނީ 22،885 މީހުންނަށް ބަލިޖެހިފަ އެވެ. އިޓަލީން ވެސް ވަނީ ގާތްގަނޑަކަށް 22،000 މީހުން ޕޮޒިޓިވްވެފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އިޓަލީގައި އެޅި ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ހޯމަ ދުވަހު ވަނީ މުޒާހަރާކޮށްފަ އެވެ.