މަގާމުން ވަކިކުރަން ނިންމުމުން މާމެންދޫ މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި
މަގާމުން ވަކިކުރަން ނިންމުމުން މާމެންދޫ މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ޝުކޫރު މަގާމުން ވަކިކުރަން ނިންމުމާ އެކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޝުކޫރު އިސްތިއުފާ ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލަތަކެއް ސާބިތުވުމުން އޭނާ ސަސްޕެންޑްކޮށް އަދި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް އާދިއްތަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ.

ޝުކޫރުގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ތެރޭގައި ގއ. ވިލިނގިލި ކޯޓުގައި މަސައްކަތް ކުރެއްވިއިރު، ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމެވި އިރު، ތުހުމަތު ކުރެވޭ މީހާގެ ވަކީލާ ބައްދަލުކޮށް، އެ ވަކީލު ދިން ސިޓީ ހަވާލުވުމާއި މިދިޔަ ރިއާސީ އިންތިހާބުގައި ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯދައިދޭން މަސައްކަތްކޮށްފައިވުން ހިމެނެ އެވެ.

ޝުކޫރާ ގުޅޭ އިތުރު މައްސަލަތަކެއް ޖޭއެސްސީން މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރޭގައި ވިލިނގިލީގެ ބަޔަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމުމުމާއި އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭ ކަންކަން ކުރުމުގެ އިތުރުން ފުލުހުންނަށް ބިރު ދައްކާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމުމުން މީގެ ކުރިން ވެސް އެހެން ފަނޑިޔާރުން ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.