27 އޮކްޓޯބަރ 2020 - 14:14

ރާއްޖޭގައި ހިންގާ ސްވެނިއާ ފިހާރަތަކުގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސްވެނިއާ ވިޔަފާރި އަކީ ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު އެއް ވިޔަފާރިއަށް ވާތީ އެ ފިހާރަތަކަށް ޓޫރިޒަމުން މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސް ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ޓޫރިސްޓުންނަށް ސްވެނިއާ ފިހާރަތަކުން އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ލިބުމަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ދަފުތަރު އެކުލަވައިލަނީ ޓޫރިޒަމާއި ސުވެނިޔާ ފިހާރަތާކާ ގުޅުން ބޮޑުކުރުމުގެ ބޭނުމުގަ އެވެ.
މި ދަފުތަރުގައި ނަން ހިމަންނަ ބޭނުންވާ ފިހާރަތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން އެދެ އެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.