ނިންމުން ބަދަލުކޮށް ބައްސާމަށް ތާއީދުކުރަން ޓީސީން ނިންމައިފި
ނިންމުން ބަދަލުކޮށް ބައްސާމަށް ތާއީދުކުރަން ޓީސީން ނިންމައިފި

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް އަހުމަދު ތޯރިގް (ޓޮމް) އެންޑޯސްކުރި ޓީސީ ސްޕޯޓްސް ކްލަބުން އެ ނިންމުން ބަދަލުކޮށް އިންތިހާބުގައި ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން ނިންމައިފި އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޓޮމް އެފްއޭއެމް އަށް ފޯމު ހުށަހެޅީ ޓީސީއާ އެކު ޖުމްލަ 21 ކްލަބްގެ ތާއީދާ އެކު އެވެ. ޓީސީން ބައްސާމަށް ވެސް އެންޑޯސްޓްމަންޓް ސިޓީ ދިނެވެ. އެކަމަކު އޭނާ އަށް ތާއީދުކުރާކަން މީގެ ކުރިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޓީސީން ބުނީ ބައްސާމަށް ތާއީދުކުރަން އެ ޓީމުން ނިންމީ ފުޓްބޯޅައިގެ ކުރިމަގަށް ވިސްނުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެންގެ ކްލަބުން މިއަދުން ފެށިގެން ތާއީދުކުރާނީ ބައްސާމަށް. ޓޮމް އެންޑޯސް ކުރި ނަމަވެސް މިހާރު ނިންމުން ބަދަލުކޮށްފިން. މިއަދުން ފެށިގެން ބައްސާމް ހޮވުމަށް ބޭނުންވާ ހުރިހާ ކަމަކަށް ޓީސީގެ ސަޕޯޓް ލިބޭނެ،" ޓީސީގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ޓީސީ އަކީ މިދިޔަ ދެ އަހަރުގެ ވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމެވެ.

މޭ މަހު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމްގެ ރައީސްކަން ކާމިޔާބުކުރެއްވި ތޯރިގުގެ މަގާމް ގެއްލި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އޭނާއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އިލެކްޓޯރިއަލް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ބާއްވާ މި އަހަރުގެ އެފްއޭއެމްގެ ދެ ވަނަ އިންތިހާބު އޮންނާނީ އަންނަ މަހު 20 ވަނަ ދުވަހު އެވެ.