ޕީޕީއެމުން އަހަރީ ދުވަހު ދިން ޔަގީންކަން: "ޔާމީން ވެރިކަމަށް ގެންނާނަން"
ޕީޕީއެމުން އަހަރީ ދުވަހު ދިން ޔަގީންކަން: "ޔާމީން ވެރިކަމަށް ގެންނާނަން"

ޕީޕީއެމުން ކުރާ މަސައްކަތްތަކުގައި މިހާރު އެންމެ އިސް އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، 2023 ގައި ވެރިކަމަށް ގެނައުން ކަމުގެ ޔަގީންކަން އެ ޕާޓީގެ އާއްމު މެމްބަރުންނަށް މިއަދު ދީފި އެވެ.

ޕީޕީއެމްގެ ނުވަ ވަނަ އަހަރީ ދުވަހާ ގުޅިގެން މެމްބަރުންނަށް ތަހުނިޔާ ކިޔައި ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައީ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭ ފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވެ، ރައްޔިތުންނަށް ފައިދާ އާއި މަންފާ، ވެރިކަމުގެ ފަސް އަހަރު ތެރޭ ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމަކީ ކުރު މުއްދަތެއްގެ ތެރޭގައި، ސިޔާސީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރި ޕާޓީއެއް ކަމަށާއި ޔާމީންގެ މޭސްތިރިކަމުގެ ދަށުން އުފެއްދެވި ޕީއެންސީއާ އެކު ކޯލިޝަން ހަދައި ކުރާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކޮށް، ރައްޔިތުންގެ އަޑު ގާތުން އެހުން ކަމަށް ބަޔާނުގައި ބުންޏެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިފަހައްޓައި ދެމެހެއްޓުމަށް ޕާޓީން މަސައްކަތްކުރާނެ ކަމަށާއި މި މަސައްކަތުގައި އެންމެ އިސް ވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތަށް އިސްކުރުން ކަމަށް ބަޔާނުގައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް އިއްވީ މި ވެރިކަމުގަ އެވެ. މަނީ ލޯންޑްރިންގެ އިތުރު މައްސަލަތަކެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އަހަރީ ދުވަހުގެ ހަރަކާތްތައް ފާހަގަކުރަން ބޭނުންވިޔަަސް ކޮވިޑް-19އާ ގުޅިގެން ވަނީ ހަރަކާތްތައް ފަސްކޮށްފަ އެވެ. އެކަމަކު ފަހުގެ ތާރީޚެއްގައި އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމް އުފެއްދީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޑީއާރުޕީ ދެބައިވުމާ ގުޅިގެންނެވެ. ޕީޕީއެމް އުފެއްދެވުމުގައި ވެސް މައުމޫން އިސްކޮށް އުޅުއްވި ނަމަވެސް އެ ޕާޓީގެ ވެރިކަމުގައި ހިނގި ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ބަސްވިދާޅުވެ، ފަހުން އެކަންކަމާ ދެކޮޅަށް ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވުމުން އެމަނިކުފާނު ވަނީ ޕާޓީން ބޭރުކޮށްފަ އެވެ.

މައުމޫން މިހާރު ވަނީ އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ.