ސުޕްރީމް ކޯޓު ވެބްސައިޓަށް އާ ޑޮމެއިންއެއް
ސުޕްރީމް ކޯޓު ވެބްސައިޓަށް އާ ޑޮމެއިންއެއް

ސުޕްރީމް ކޯޓުގެ ވެބްސައިޓްގެ ޑޮމެއިން ބަދަލުކޮށް އެ ވެބްސައިޓުން މައުލޫމާތު ހޯދަން ފަސޭހަވާނެ ގިނަ ފީޗާތަކާ އެކު އަލުން ލޯންޗްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ބޭނުންކުރަމުން އައި supremecourt.gov.mv ގެ ބަދަލުގައި މިހާރު ބޭނުންކުރާނީ supremecourt.mv އެވެ.

އެ ކޯޓުން ބުނީ ހުކުމްތަކާއި ކޯޓުގެ މަސައްކަތްތަކާ ގުޅުންހުރި ލިޔުންތަކާއި މައުލޫމާތު ފަސޭހަކަމާ އެކު ހޯދޭނެ ގޮތް ހަމަޖެއްސުމަކީ މި ގެނައި ބަދަލުގެ މައިގަނޑު ބޭނުން ކަމަށެވެ. އެގޮތުން، ފަސޭހަކާ އެކު ސާޗްކުރެވޭނެ ފަންކްޝަނެއް ވަނީ ހިމަނައިފަ އެވެ. ކީ ވޯޑުތަކާއި ގާނޫނު ނަންބަރުން ސާޗް ކޮށްގެން ކޯޓުގެ ނިންމުންތައް މިހާރު ހޯދޭނެ އެވެ. ކޯޓާ ގުޅުން ހުރި މައުލޫމާތާއި މައްސަލަތަކާ ގުޅޭ ނިންމުންތައް ހޯދަން ބޭނުންކުރެވޭނެ "ކުއިކް ލިންކް" ތަކެއް ވެސް ހިމަނާފައިވެ އެވެ.

މި ބަދަލާއެކު ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ހޯދަން ފަސޭހަވާނެ ކަމަށް ކޯޓުން ބުންޏެވެ.