ވެރިފަރާތާ މަސް ދޯނި ހަވާލުކުރަން ވަގުތީ އަމުރެއް ނެރެފި
ވެރިފަރާތާ މަސް ދޯނި ހަވާލުކުރަން ވަގުތީ އަމުރެއް ނެރެފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް "ފަސްކުރި" މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.

ދޯނީގެ ވެރިފަރާތް، ލ. ގަމު އިދުރީސް ހުސެއިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ދޯނީގެ އަގާއި އެމްޓީސީސީ އަށް އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން، އިދުރީސަށް ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.

އެ ކަންތައްތަކަށް ރިއާޔަތްކޮށް، ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އިދުރީސް އަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.

އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ. ދޯނީގައި ތިބި މީހުން ވެސް، އިދުރީސްގެ ހުއްދައާއެކު ހަ ގަޑިއިރުގެ ތެރޭގައި އެ މީހުންގެ އަމިއްލަ ތަކެއްޗާއެކު ފައިބަން ވަނީ އަމުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މީގެ ދެ އަހަރު ކުރިން "ފަސްކުރި" ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ، ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. އެކަމަކު ރިޗްކްލަބް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާބިރު އެ ވާހަކަތައް ދޮގުކުރައްވަ އެވެ.

ދޯންޏަށް ފައިސާ ނުދައްކާތީ އެ އުޅަނދު އަތުލަން ކަމަށް ބުނެ، ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮއްވައި ކަތިވަޅި އާއި ދަގަނޑު ހިފައިގެން ބަޔަކު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ އުޅަނދަށް އަރައިފަ އެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރުކޮށްފައިވެ އެވެ.