27 އޮކްޓޯބަރ 2020 - 11:57

މެންޗެސްޓާ )އޮކްޓޫބަރު 27) – މެންޗެސްޓާ ސިޓީގެ އެއް ވަނަ ފޯވާޑް އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ ގިނަވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ޖޫން މަހު ލިބުނު އަނިޔާއަކުން ދާދި ފަހުން ފިޓްވި އަގުއޭރޯގެ ފަލަމަސްގަނޑަށް މި ފަހަރު އަނިޔާވީ ޕްރިމިއާ ލީގުގައި މި ހަފުތާގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗުގަ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ފްރާންސްގެ އޮލިމްޕިކް މާސޭއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯ އަށް ނުކުޅެވޭނެ އެވެ. އަދި ޕްރިމިއާ ލީގުގައި އަންނަ މަހު ލިވަޕޫލާ ދެކޮޅަށް ވެސް ނުކުޅެވޭނެ އެވެ.
ގާޑިއޯލާ ބުނީ އަގުއޭރޯ ހުރީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަން އެނގޭ ކަމަށާއި ހަތަރު ފަސް މަސް ދުވަހު ނުކުޅެ ހުރެފައި އަންނައިރު އިތުރު އަނިޔާއެއްގެ ރިސްކު އޮންނާނެ ކަމަށެވެ.
"މަދުވެގެން 10 އެއް ނޫނީ 15 ދުވަސް ވާނީ. ގިނަވަންޏާ ތިން ހަފުތާއާ މަހަކާ ދެމެދުގެ މުއްދަތެއް ނަގާނީ،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެން ބޭނުންވަނީ އޭނާ އެއްކޮށް ފިޓްވެގެން އަންނަން."
ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސް ވެސް ހުރީ އަނިޔާގަ އެވެ. އެކަމަކު ގާޑިއޯލާ ބުނީ ނިމިދިޔަ ޓްރާންސްފާގައި ފޯވާޑެއް ނުގެނެވުނީތީ ހިތާމަނުކުރާ ކަމަށެވެ.