27 އޮކްޓޯބަރ 2020 - 11:45

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.
ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ނިންމައި، އިސް މެޖިސްޓްރޭޓް ޝުކޫރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ މަޖިލީހަށް ފޮނުވައިފަ އެވެ. މިހާރު އޭނާ ހުންނެވީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އިއްޔެ ނިންމީ އިސް މެޖިސްޓްރޭޓް ޝުކޫރުގެ މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނުތަކާއި އިޖްރައާތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އެކަމާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި އިސް މެޖިސްޓްރޭޓް ޝުކޫރު ވަކިކުރަން ފޮނުވަން ނިންމީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވުމާއި ބައެއް މީހުންގެ ބަންދާ މެދު ނިންމާ ގޮތް ދުރާލާ ފުލުހުންނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ. އަދި އޭނާގެ އިތުރު މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.