27 އޮކްޓޯބަރ 2020 - 11:16

ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަކަށް ތޫނު ހަތިޔާރު ހިފައިގެން އެރި މައްސަލައިގައި ތިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ތޫނު ހަތިޔާރާ އެކު މިިދިޔަ އާދިއްތަ ދުވަހުގެ ރޭ މަސް ދޯންޏަށް އެރިކަމުގެ ތުހުމަތުގައި 25 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންމެންނަކީ ވެސް ދިވެހިންނެވެ.
އެނގިފައިވާ ގޮތުގައި، "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކުންފުންޏަކުން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ބަރާބަރަށް ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ދޯނި އަތުލުމަށެވެ.
ލ. ގަމު މީހަކު ވިއްކާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް މީގެ ދެ އަހަރު ކުރިންނެވެ. އެ ކުންފުންޏަށް ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.
"އަޅުގަނޑުގެ ނަމުގައި އެއްވެސް ބަޔެއްގެ ދޯންޏެއް ގަނެފައެއް ނުވާނެ. ތިޔަ ވިދާޅުވާ ދޯންޏަކީ އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން،" ޖާބިރު ވިދާޅުވި އެވެ.
އެ މައްސަލައިގައި މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ކަންކަން ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.