27 އޮކްޓޯބަރ 2020 - 10:05

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަހަލަ، ހިޔާލު ތަފާތުވާ ކަންކަން މަޖިލިހަށް ވައްދައިގެން އެމްޑީޕީގެ މެމްބަރުން ހުސް ބުޅީގައި ގަންނާނެ ކަމަށް، އިދިކޮޅުން ދެކިގެން ނުވާނެ ކަމަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާންގެ އިތުރުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާ އެކު މަޖިލިހަށް ވެއްދިކަން ރިޔާސަތުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވާ ދެއްކެވި ވާހަކަފުޅު މުޅިން ނުނިމެނީސް ތެދުވެވަޑައިގެން އާޒިމް ވިދާޅުވީ ސަރުކާރަށް އިތުބާރު އޮތް ކަމަށެވެ. ނަމަވެސް އިމްރާނަށް އިތުބާރު އޮތް ކަމަކަށް، ސީދާ ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެންނަށް، މި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މިއަދުގެ މިއޮތް ސަރުކާރާ ދޭތެރޭގައި ފުރިހަމަ އިތުބާރު އެބަ އޮތް. އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުމެންގެ އިތުބާރު އެބަ އޮތް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ކަންތައް ކުރަމުން އަންނަނީ ޕާޓީގެ އެޖެންޑާގައި އޮންނަ ގޮތަށް ކަމަށެވެ.
ސަރުކާރާ ދޭތެރޭގައި އެމްޑީޕީއަށް އިތުބާރު ނެތް ކަމަށް ދައްކަން އިދިކޮޅުން އުޅުނަސް އެކަން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމްގެ ވާހަކައަށް ފަހު ނަޝީދުގެ ވާހަކަފުޅު ފުރިހަމަކުރައްވަމުން ވިދާޅުވީ 10 މެމްބަރުން ސޮއިކުރައްވައި އިމްރާންގެ މައްސަލަ ހުށަހެޅުއްވުމުން އެކަން އެޖެންޑާކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަަމަށެވެ. އަދި ހޯމް މިނިސްޓަރަށް މަޖިލީހުން މިއަދު ނޯޓިސް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 10 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ފާސްކުރަން އަގުލަބިއްޔަތު ބޭނުންވާނެ އެވެ. މިހާރުގެ މަޖިލިހުގެ މެމްބަރުންގެ ނިސްބަތުން އެއީ 44 ވޯޓެވެ.
އިމްރާން މަގާމުން ދުރުކުރަން އިދިކޮޅުން ހުށަހެޅީ މައިގަނޑު ދެ ކަމަކާ ގުޅުވަ އެވެ. އެއީ، މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވުމެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި މިނިސްޓަރުގެ ނިޔަތަކީ އެއީ ނޫން ކަމަށާއި ނޫސްވެރިން އެ މައްސަލަ ކަވަރުކުރި ގޮތުން އޮޅުންއެރީ ކަމަށް ވިދާޅުވެ އިމްރާން ފަހުން މާފަށް ވެސް އެދިވަޑައިގަތެވެ.