ދަރުމެންދުރާ އާއި ދެ ދަރިންގެ "އަޕްނޭ" ގެ ސީކްއެލްއެއް
ދަރުމެންދުރާ އާއި ދެ ދަރިންގެ "އަޕްނޭ" ގެ ސީކްއެލްއެއް

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އެކީގައި ކުޅުނު ކާމިޔާބު ފިލްމު "އަޕްނޭ" ސީކްއަލްއެއް ހަދަން ނިންމައި އޭގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަނީއާ އެކު 2001 ގެ "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެނެސްދިން ޑައިރެކްޓަރު އަނިލް ޝަރުމާ "އަޕްނޭ" ގެ ސީކްއެލްއެއް ހަދަން ވިސްނާތާ އަހަރުތަކެއް ފަހުން މިހާރު އޭގެ ސްކްރީންޕްލޭ ވަނީ އެންމެ ފަހު މަރުހަލާގަ އެވެ. އަދި ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ އަންނަ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގައި "އަޕްނޭ" ގެ ސީކްއެލްގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.

މީގެ 13 އަހަރު ކުރިން 2007 ގައި ގެނެސްދިން ސްޕޯޓްސް ޑްރާމާ "އަޕްނޭ" ގެ ކާސްޓްގައި ޝިލްޕާ ޝެޓީ އާއި ކެޓްރީނާ ކައިފާއި ކިރަން ކޭރް ވެސް ހިމެނެ އެވެ. އެ ފިލްމުގައި ކިޔައި ދިނީ އޮލިމްޕިކްގައި ބޮކްސިން އިން މެޑަލް ހޯދާފައިވާ ކުޅުންތެރިޔަކު (ދަރޭ) ފަހުން ވާދަކުރާ މުބާރާތެއްގެ ތެރޭގައި މަނާ ބޭހެއް ބޭނުންކުރި ތުހުމަތުގައި މުބާރާތުން ވަކިވާން ޖެހި، ބޮޑު ތުހުމަތެއްގައި ކުޅިވަރާ ދުރަށް ދާން ޖެހުމުން ކުޅިވަރުން އޭނާގެ ދެ ދަރިން ސަނީ އާއި ބޮބީ ކުރިއަރުވަން ކުރާ މަސައްކަތެވެ.

ދަރޭ ދެ ދަރިންނާ އެކު އަލުން ބޮޑު ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު، ތިން މީހުން އެކީގައި އިިތުރު ފިލްމުތަކެއް ވެސް ކުޅުނެވެ. އެއީ "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިން ފިލްމެވެ. އެ ސީރީޒްގެ ފިލްމުތައް ގެނެސްދިނީ 2011، 2013 އަދި 2018 ގަ އެވެ.

ދެހާސް އަށާރައިގައި ގެނެސްދިން "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އަކީ ދަރޭ އެންމެ ފަހުން ކުޅުނު ފިލްމެވެ. އެކަމަކު މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އޭނާގެ އަންހެނުން ހެމާ މާލިނީގެ "ޝިމްލާ މިރްޗް" ގެ ހާއްސަ ފެނިލަކުން ދަރޭ، 78، ފެނިފައިވެ އެވެ.

އަނިލް ޝަރުމާ "އަޕްނޭ" ގެ ސީކްއަލް ގެނެސްދޭން ތައްޔާރުވަމުންް އަންނަ އިރު އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ދަރިފުޅު އުތުކާޝް ޝަރުމާ ބޮލީވުޑަށް ނެރުނު 2018 ގެ ފިލްމު "ޖީނިއަސް" އެވެ. އަދި ސަނީއާ އެކު ގެނެސްދިން "ގަދަރު" ގެ ސީކްއަލްއެއް ގެނެސްދޭން އުޅޭ ވާހަކަތަކެއް ވެސް މިދިޔަ އަހަރު މީޑިއާތަކުގައި ފެތުރުނެވެ.