27 އޮކްޓޯބަރ 2020 - 09:03

ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްތަކުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ އެ ރަށް އިއްޔެ މޮނިޓަރިން އަށް ލައިފި އެވެ.
އެޗްއީސޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ ރަށްރަށުގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން އިއްޔެ ހެނދުނު ރ. އުނގޫފާރުން ވެސް 60 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ 20 މުވައްޒަފަކާއި ކެފޭ ރެސްޓޯރަންޓު އަދި ފިހާރަތަކުން 15 މުވައްޒަފުން އަދި ބަލީގެ އަލާމާތް ހުރި ކަމަށް ފެންނަ 20 މީހެއްގެ އިތުރުން ފަސް ބިދޭސީންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.
"ޖުމްލަ ފަސްދޮޅަސް ސާމްޕަލެއް ނެގިގެންދިޔަ އިރުގަ އޭގެ ތެރެއިން އެއް ޕޮޒިޓިވް ކޭސް އަޅުގަނޑުމެންނަށް މި ވަނީ އައިޑެންޓިފައި ކުރެވިފައި، މި ކޭސްއާ ގުޅިގެން މިވަގުތު އުނގޫފާރު މި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.
މި 60 ސާމްޕަލްގެ ތެރޭގައި އަދި ނަތީޖާ ނުލިބޭ ސާމްޕަލް ވެސް އެބަހުއްޓެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ "މިހާރު" އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައި ވަނީ ކެފޭއެއްގައި މަސައްކަތްކުރާ ދިވެހި ފިރިހެނެއް ކަމަށާއި އުމުރުން ގާތްގަނޑަކަށް 40 އިން މަތީގެ މީހެއް ކަމަށެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ ސްކޫލާއި އޮފީސްތައް ވެސް ބަންދުކޮށްފައިވާ ކަމަށާއި މަސައްކަތަށް ނުކުންނާނީ ކޮންމެހެން ނިކުންނަން ޖެހިއްޖެ ނަމަ މީހުން މަދުކޮށް، ޝިފްޓަށް ބަހައިގެން ކަމަށެވެ. އަދި ރަށު ތެރޭގައި ނުކުމެ އުޅެވޭނީ ވެސް މާސްކު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11،532 އަށް އަރާފައި ވާއިރު އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފަ އެވެ. އަދި 90 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެ މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 932 އެވެ.