27 އޮކްޓޯބަރ 2020 - 12:19

"ޕްރައިމް ޕަވާ"ގެ ނަމުގައި ޕްރައިމް އެންޓަޕްރައިސަސްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މިއީ ޕްރައިމްގެ ކުޑައިގެ ދަށުގައި ހުޅުވި ފަސް ވަނަ ފިހާރަ އެވެ. މި ފިހާރަ ހާއްސަ ކޮށްފައި ވަނީ ސްޕެއިންގެ "ހިމޮއިންސާ" ބްރޭންޑުގެ ޖަނަރޭޓަރުތަކާއި އެއާ ގުޅޭ ސާމާނުތަކުގެ އިތުރުން އަޑީތެލަށެވެ. މި ފިހާރަ ހުޅުވާފައިވަނީ ހަވީރީ ހިނގުމުގައި ހުންނަ "ޕްރައިމް ޕްލަސް" ފިހާރަ ކައިރީގަ އެވެ.
ޕްރައިމް އެންޓަޕްރައިސަސްގެ ޑިރެކްޓަރު ނިޔާޒު އިބްރާހިމް ވިދާޅުވިގޮތުގައި މި ވަގުތު ޕްރައިމް ޕަވާއިން ލިބެން ހުންނަ ޖަނަރޭޓަރުތަކުގައި ބޭނުންކޮށްފައި ވަނީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޔަންމާ އިންޖީނެވެ. އެހެންކަމުން ދިވެހިންނަށް އިތުރު އެހީއަކާ ނުލައި ފަސޭހަ ކަމާއެކު އިންޖީނު އޮޕަރޭޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔަންމާ އިންޖީނަކީ ދިވެހިން ދަނެ ފަރިތަ އިންޖީނެއް. އަދި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ބޭނުންވާ ހުރިހާ ސްޕެއާ އާއި އެހެނިހެން އެކްސަސަރީސް ވަރަށް ފަސޭހައިން ރާއްޖޭގެ މާކެޓުން ލިބެން ހުންނާނެ،" ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ 4.4-45 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓުތައް އެ ފިހާރައިން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި އެއަށްވުރެ ކުޑަ ނުވަތަ ބޮޑު ޖަނަރޭޓަރެއް ބޭނުންވާ ނަމަ ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ފިހާރައިން ވިއްކާ ހުރިހާ އުފެއްދުންތަކަކީ ވެސް އަގުހެޔޮ ކޮލިޓީ ރަނގަޅު އުފެއްދުންތައް ކަމަށާއި ހުރިހާ އުފެއްދުމަކާ އެކު އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާނގައި ހިމޮންސާގެ އިތުރު އުފެއްދުންތައް ވެސް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.