26 އޮކްޓޯބަރ 2020 - 15:25

ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދ. އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ދޮންބައްޕަ އަށް ދައުވާ ކުރުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން 2018 ގައި ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ދޮންބައްޕަގެ މައުލޫމާތު ހާމަ ނުކުރީ ކުޑަކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދޮންބައްޕަ އެކި ފަހަރު މަތިން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކިޔައިދީފައި ވާއިރު، އެ ކުއްޖާ އަށް ޖިިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައި ވެ އެވެ. އަދި އެކި ފަރާތްތަކަށް އެ ކުއްޖާ ކިޔައިދީފައިވާ ކިޔުންތަކުގައި ޝައްކެއް އުފެދޭ މިންވަރުގެ ފުށުއެރުންތަކެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައިވާ ގޮތުން، އެފަދަ މައްސަލަތައް މައިގަނޑު ގޮތެއްގައި ބިނާވާނީ އަނިޔާ ލިބޭ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ކަމަށް ވާއިރު، ދޮންބައްޕަގެ ބެލުމުގެ ދަށުގައި ހުރެ އޭނާއާ ބެހޭގޮތުން އެފަދަ ދޮގު ވާހަކައެއް އެ ކުއްޖާ ހަދަހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ފެންނާކަށް ނެތެވެ. އެހެންވެ، އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ދޮންބައްޕަގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންވެ، އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.