27 އޮކްޓޯބަރ 2020 - 08:10

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން މިހާރު ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާއި ގައިދުރުކަން ބެހެއްޓުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަށް ސަމާލުކަން ދިން ވަރަކަށް ބަލި ޖެހުމުގެ ފުރުސަތާއި އެހެން މީހުންނަށް ތިމާގެ ފަަރާތުން ބަލި ފެތުރުމުގެ ފުރުސަތު ވެސް ކުޑަކޮށްދޭނެ އެވެ.
އެހެންވީމާ ގިނަ މީހުން މަސައްކަތްކުރާ ތަންތަނުގައި ސޯޝަލް ޑިސްޓެންސިން އަށް ވަރަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެ އެވެ. ހާއްސަކޮށް ކުދިކުދި ތަންތަކޮޅުގައި ސޯޝަލް ޑިސްޓެންސިން ކަށަވަރު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެެ. ނަމަވެސް މިކަމަށް އެހީވާ ސްމާޓް ސެންސާއެއް މިހާރު ވަނީ އުފައްދައި، ބައެއް ކުންފުނިތަކުގައި ބޭނުން ކުރަން ފަށައިފަ އެވެ.
ޕޮއިންޓް ގްރެބް ކިޔާ ކުންފުންޏަކުން އުފެއްދި ސްމާޓް ސެންސަ އަކީ އެކަކު އަނެކަކާ ދެ މީޓަރެއްހާ ގާތަށް ކައިރިވެ 30 ވަރަކަށް ސިކުންތަށް ވުރެ އިތުރުވާ ނަމަ އެކަން އެލާޓްކޮށްދޭނެ ޑިވައިސްއެކެކެވެ.
މި ޑިވައިސް ބޭނުންކުރުމުން އެ ތަނެއްގައި ތިބޭ ބައެއްގެ ހަރަކާތްތައް މޮނިޓަކުރާނެ އެވެ. މީގެ އެންމެ ރަނގަޅު ކަމަކީ މީހުންނާ ބެހޭ އެއްވެސް ޒާތީ މައުލޫމާތެއް ރައްކާ ނުކުރާކަމެވެ. ޑިވައިސް ބަހައްޓާފައި ހުންނަ ތަނެއްގައި ހުންނަ ސްކްރީނަކުން ވަގުތުން ވަގުތަށް އެ ބަޔަކު ފާހަގަކޮށްދޭނީ ކާކުކަން ނޭނގޭ ގޮތަށް އިންނަ ތިއްކަކުންނެވެ.
މީއީ މީހާއާ ބެހޭ ޒާތީ އެއްވެސް މައުލޫމާތެއް ރެކޯޑްކުރާނެ ޑިވައިސްއެއް ނޫނެވެ. އަދި މީގެ އެހީގައި އެ އިމާރާތެއްގެ ތެރޭގައި އުޅޭ މީހުންގެ އަދަދާއި އެ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް އަންގައިދޭނެ އެވެެ. ޑިވައިސްކަން މުހިއްމުކަން އެންމެ ބޮޑުވާނީ ގައިދުރުކަމެއް ނެތް ވަރަށް އެއް ބަޔަކު އަނެއް ބަަކަށް ގާތްވެވޭ ނަމަ އެވެ. އެއާ އެކު ލުއި އެލާމަކުން އެކަން އަންގާނެ އެވެ.
ޕޮއިންޓް ގްރެބުން ބުނި ގޮތުގައި މި ޑިވައިސް އަކީ އޮފީސްތަކާއި ރެސްޓޯރަންޓްތަކާއި ހޮޓާ ފަދަ އާންމު ތަންތަނުގައި މި ވަގުތަށް ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރެވޭނެ ވަރަށް ރަނގަޅު އުފެއްދުމެކެވެ. އަދި މިއީ ބޭނުންކުރާކަން ނާންގައި، އޭގެ ބޭނުން ތަންތަނުގައި ވަރަށް ރަނގަޅަށް ހިފޭނެ އެއްޗެކެވެ.
ޕޮއިންޓް ގްރެބްގެ ސީއީއޯ ޑޮރޯން ޝަޝާރް ވިދާޅުވީ މިއީ ބޭނުންކުރަން ފަސޭހަ އެއްޗެއް ކަމަށެވެ.
"އެކަމަކު މީގެ އެހީގައި މަސައްކަތް ބައްޓަންކުރާނެ ގޮތެއް އެނގޭނީ އެތަނެއްގެ ބަޔަކަށް. މިސާލަކަށް ސޯޝަލް ޑިސްޓެންސިން ނެތް ކަމަށް ޑިވައިސް އަންގާ ނަމަ ދެން އެކަމާ ދޭތެރޭ އަޅާނެ ފިޔަވަޅެއް އެނގޭނީ އެ އެއްޗެއް ހުރި ތަނެއްގެ މެނޭޖްމަންޓަށް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެން އަސްލުކޮށް ދިން ކަމަކީ ސޯޝަލް ޑިސްޓެންސިން އަށް ހިތްވަރު ދީ، އެކަން ކުރަން ބާރުއެޅުން."
ޕޮއިންޓް ގްރެބުން ބުނިގޮތުގައި ޑިވައިސް މިހާރު 10،000 އަށް ވުރެ ގިނަ ތަންތަނުގައި ހަރުކޮށްފައިވެ އެވެ. އޭގެ ބޭނުން ހިފާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ކޮކަ ކޯލާ އާއި ފޭސްބުކް އަދި ޑެލް ހިމެނެ އެވެ.