އެމެރިކާ އަށް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެއްބަސްވެއްޖެ
އެމެރިކާ އަށް ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެއްބަސްވެއްޖެ

ވޮޝިންޓަން (އޮކްޓޯބަރު 26) - ކޮވިޑް-19 އެމެރިކާ އަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ ސީނިއާ މެންބަރަކު އެއްބަސްވެވަޑައިގެންފި އެވެ.

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ ވެކްސިން ނުވަތަ އެ ބަލީގެ ފަރުވާއެއް ލިބިގެން ކަމަށެވެ. ޗީފް އޮފް ސްޓާފް މި މޭރުމުން ވާހަކަ ދެއްކެވިއިރު އެމެރިކާގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ވަނީ ނުވަ ދުވަހަށްވެފަ އެވެ. އަދި ރެކޯޑް އަދަދުތަކުން ކޮންމެ ދުވަހަކު ވެސް މީހުން ދަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވަމުންނެވެ.

ނައިބް ރައީސް މައިކް ޕެންސްގެ ކެމްޕޭން ޓީމުގެ އޮފިޝަލުންތަކެއް ޕޮޒިޓިވްވި ނަމަވެސް ކެމްޕޭން ދަނީ ކުރިއަށެވެ. އެކަމަކު ޕެންސާއި އޭނާގެ އަނބިކަނބަލުން ވަނީ ނެގެޓިވްވެފަ އެވެ.

ޗީފް އޮފް ސްޓާފް މެޑޯސް ވިދާޅުވީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުން ހަގީގަތަކަށްވާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. ސަބަބަކީ އެއީ އެހެން ރޯގާތައް ގޮތަށް ފަސޭހައިން އެކެއްގެ ގައިން އަނެކުގެ ގަޔަށް ވާސިލްވާ ބައްޔަކަށްވާތީ ކަމަށެވެ.

މެޑޯސް އަށް ރައްދު ދެއްވައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރާމަކޮށް ބަލިވެއްޖެ ކަމަށް ވައިޓްސް ހައުސް އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެމެރިކާ ރައްޔިތުން ހިމާޔަތް ކުރުމުގެ އެންމެ އަސާސީ ވާޖިބަށް ވެސް ސަރުކާރުން އިހުމާލްވެފައިވާ ކަމަށް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާ އިން މިހާތަނަށް 8.8 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 230,510 މީހުން ވަނީ މަރުވެފަ އެވެ.