ދެކުނު ކޮރެއާ އަތުން ސްޕެއިނަށް ބޮޑު މޮޅެއް
ދެކުނު ކޮރެއާ އަތުން ސްޕެއިނަށް ބޮޑު މޮޅެއް

ސަލްޒްބާގް، އޮސްޓްރިއާ (ޖޫން 2) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރޭ ސްޕެއިން ކުޅުނު މެޗުން ދެކުނު ކޮރެއާ އަތުން 6-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ދެކުނު ކޮރެއާ އަތުން ސްޕެއިނަށް ބޮޑު މޮޅެއް
ދެކުނު ކޮރެއާ އަތުން ސްޕެއިނަށް ބޮޑު މޮޅެއް

ޔޫރޯގައި ވާދަކުރާ ފައިނަލް ސްކޮޑާ އެކު ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްޕެއިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗުގެ ފުރަަތަމަ 30 މިނިޓްގައި ކޮރެއާ އިން ވަނީ ސްޕެއިން ހިފަހައްޓައިފަ އެވެ. ނަމަވެސް އޭގެ ފަހުން ސްޕެއިނުން ވަނީ ފުރަތަމަ ލަނޑާ އެކު މެޗު ކޮންޓްރޯލް ކޮށްފަ އެވެ.

ކޮރެއާ ކޮޅަށް ސްޕެއިންގެ އަލްވާރޯ މޮރާޓާ އާއި ނޮލީޓޯ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޑޭވިޑް ސިލްވާ އާއި ސެސް ފަބްރެގަސް އެވެ. ކޮރެއާގެ ހަމައެކަނި ލަނޑު ޖެހީ ސީ ޔޮން ޔޫ އެވެ.

އެންމެ ފަހުން ބޭއްވި ދެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކުރީ ސްޕެއިނުންނެވެ. ސްޕެއިނުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓަކީ އެ ޓީމު ކަމަށެވެ.

"އަހަރެމެންނަކީ ފޭވަރިޓުން އެއީ ހަތަރު އަހަރު ކުރިން މި މުބާރާތް ކާމިޔާބު ކުރީ ވެސް މި ޓީމުން ކަމަށްވާތީ. ވާދަވެރި ޓީމުތައް ވެސް ވަނީ ރަނގަޅުކޮށްފައި. އެކަމަކު ވަރަށް ވަރުގަދަ ސީޒަނަކަށް ފަހު ކުޅުންތެރިން ތިބީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން،" ޑެލް ބޮސްކޭ ބުންޏެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ނުކުންނާނީ ޖިއޯޖިއާއާ ދެކޮޅަށެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ބެލްޖިއަމް ވަނީ 1-1 އިން ފިންލެންޑާ އެއްވަރުވެފަ އެވެ. ރަޝިއާ އަތުން ޗެކް ރިޕަބްލިކް 2-1 އިން މޮޅުވިއިރު، ޕޮލެންޑްގެ މައްޗަށް 2-1 އިން ނެދަލެންޑްސް ވެސް ވަނީ ކުރިހޯދައިފަ އެވެ.