26 އޮކްޓޯބަރ 2020 - 12:49

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 26) - މެލޭޝިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ ކުއްލި ހާލަތު އިއުލާންކޮށް، ޕާލަމެންޓް ސަސްޕެންޑްކުރުމަށް ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހުށަހެޅުއްވި ހުށަހެޅުމަށް އެ ގައުމުގެ ރަސްގެފާން އިއްޔެ ދެކޮޅު ހައްދަވައިފި އެވެ.
ތަޖްރިބާކާރުން ބުނަނީ ކުއްލި ހާލަތު އިއުލާންކުރައްވަން ބޮޑުވަޒީރު އުޅުއްވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްވުރެ ބޮޑަށް، ސިޔާސީ ގޮތުން އޭނާގެ ލީޑަޝިޕަށް ކުރިމަތިވާ ގޮންޖެހުންތައް ހުއްޓުވަން ކަމަށެވެ. މިދިޔަ މާޗް މަހު ބޮޑުވަޒީރު ކަމަށް މުހްޔިއްދީން ވަޑައިގެންނެވީ، ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުހްޔިއްދީނަށް ޕާލަމެންޓުގައި މިހާރު ލިބިފައި ވަނީ ހަނި އަޣުލަބިއްޔަތަކަށްވާތީ، ބޮޑުވަޒީރުކަން ހޯއްދެވުމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އަންވަރު ވިދާޅުވީ ބޮޑުވަޒީރު މުހްޔިއްދީން މަސައްކަތް ކުރައްވަނީ އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ނަމަވެސް ވެރިކަމުގައި ދެމިހުރެވޭތޯ ބެލުމަށް ކަމަށެވެ.
މެލޭޝިއާގެ ސަލާމަތަށް ނުރައްކާފަދަ ކަމެއް ކުރިމަތިވެގެން ހުށަހަޅައިފި ނަމަ، ކުއްލި ހާލަތު އިއުލާންކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި ވަނީ ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހަށެވެ. ނަމަވެސް ރަސްގެފާން ނިންމެވީ މެލޭޝިއާގައި ކުއްލި ހާލަތު އިއުލާންކުރަންޖެހޭ ފަދަ ކަމެއް މި ވަގުތު ކުރިމަތިވެފައި ނުވާ ކަމަށެވެ.
މެލޭޝިއާ އިން މިހާތަނަށް ވަނީ 26،565 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 229 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 823 މީހުން ޕޮޒިޓިވްވެފަ އެވެ.