27 އޮކްޓޯބަރ 2020 - 09:34

ރާއްޖޭގައި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމާ ބެހޭގޮތުން ގޮތެއް ނިންމަން އަދި އަވަސް ކަމަށާއި ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލޭގޮތަކަށް މި ވަގުތު ކަންތައްތައް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ބޭއްވޭނެ އެހެން ގޮތްތަކެއް ހޯދޭތޯ މަސަައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު (ވޮލީ ހުސެން) ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެެރެއިން 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ކެބިނެޓުން އައިއޯއައިޖީ ބޭއްވުމާ މެދު ގޮތެއް ނިންމާނެ ކަމަށާއި ވިސްނުން ހުރީ 2023 ބާއްވާ ގޭމްސް 2025 އަށް ފަސްކުރުން ނޫނީ ދެން އަންނަ ފަހަރު ބޭއްވޭތޯ މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން "މިހާރު" އަށް ވިދާޅުވީ މި ވަގުތު އަވަަސްކޮށްލައިގެން ކަންތައްތައް ނިންމުމަށް ވުރެން ލިބިފައި އޮތް ވަގުތުގެ ބޭނުންހިފައި ގޭމްސް ބޭއްވޭނެ ގޮތެއް އޮތްތޯ މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
"ކޮވިޑް-19ގެ ސަބަބުން އެބަހުރި އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް. އެކަމަކު އަދި އައިއޯއައިޖީ މި އޮތީ ދެ އަހަރު ފަހުން. މާނަ އަކީ އަދިވެސް އެބައޮތޭ ވަގުތުތަކެއް އެހެން ގޮތްތަކެއް ހޯދަން. މިހެން މި ބުނީ އަސްލު ޕޮއިންޓަކީ މި ވަގުތު އައިއޯއައިޖީ ރާއްޖޭގައި ނުބާއްވައިފިނަމަ ރާއްޖެ އަށް ނުވި ކަމަށް ކަނޑައަޅާފައި އެހެން ގައުމަކުން އެކަން ކުރާނެތީ،" ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ ވިދާޅުވި އެވެ.
"ދެން ބަލަން ޖެހެނީ އަހަރެމެންނަށް ދެން އޮތް ގޭމްސް ފްރީކޮށް އެވޯޑްކޮށްފާނެތޯ. އެހެނެއް ނުވާނެ. ހަމަ ޖެހޭނީ އަލުން ބިޑްކޮށްގެން ކުރިއަށްދާން. އެހެންވީމަ މި ވަގުތަށް އެންމެ މުހިއްމީ ގޭމްސްއާ މެދު ގޮތެއް ނިންމުން ފަސްކޮށްފައި އެހެން ގޮތްތަކެއް ހޯދުން. ލިބިފައި އޮތް ފުރުސަތެއް ޔަގީންކަމެއް ނެތި ދޫކޮށްލުން ރަނގަޅެއް ނޫން،"
އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީ އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު ގޭމްސް އެވެ. އެ ކާމިޔާބީން ހިތްވަރު ހޯދައި 2023 އަށް އެސޯސިއޭޝަންތަކުން މަސައްކަތް ފެށީ ރަނގަޅު ޕްލޭނަކާ އެކު އެވެ. އެކަމަކު ކޮވިޑާ ހެދި އެކަން ވެސް އޮތީ މަޑުޖެހިފަ އެވެ. އެހެން ނަމަވެސް އެ ކުޅުންތެރިން އަދިވެސް ތިބީ އަމިއްލަ ގައުމުގައި އައިއޯއައިޖީ ފަދަ ވާދަކޮށްލެވޭ ކުޅިވަރު ހަރަކާތެއްގައި ކާމިޔާބު ހޯދަން ބޭނުންވެފަ އެވެ.
ހުސެން ވިދާޅުވީ އެތުލީޓުންނާއި ކާމިޔާބަށް ދާން ބަލާއިރު ވެސް ދެން އޮންނަ ގޭމްސް އެއް ރާއްޖޭގައި ބޭއްވުމަށް ލިބިފައިވާ ފުރުސަތު ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ.
"ދެން ހިނގާ ޓޭބަލް (މެޑަލް ޓޭބަލް) އަށް ބަލަމާ. ޔަގީނުންވެސް އެންމެ ފަހުން މި ލިބުނު ކާމިޔާބީ އެހެން ހިސާބަކަށް ދެން ގެންދެވޭނީ އަމިއްލަ ގައުމުގައި ހޯސްޓްކޮށްގެން. އެ ފުރުސަތު މި އޮތީ ލިބިފައި. އެ ފުރުސަތު ގެއްލެން ކުޅިވަރުގެ މީހުންނެއް ބޭނުމެއް ނުވާނެ. އެއީ ވަރަށް ބޮޑު އުއްމީދުތަކެއް ހުންނާނެ ހޯސްޓް ކުރަން ލިބުނީމަ. އަނެއްކޮޅުން މެޑަލް ޓޭބަލްގެ ފުލުން ނިންމާލުމަށް ނިމުމެއް ވެސް ގެނެވޭނެ،" ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިއޯއައިޖީއާ ބެހޭގޮތުން މި ވަގުތު ކެބިނެޓުން ގޮތެއް ކަނޑައެޅުން ވެގެންދާނީ އެންމެ ރަނގަޅު ވިސްނުމަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސައުތު އޭޝިއަން ގޭމްސް އަކީ ވެސް އެތައް ފަހަރަކު ތާރީހު ބަދަލުވަމުން އައިސް ބާއްވާ ގޭމްސްއެއް ކަމަށާއި އެހެން ކަމުން ރާއްޖޭން ވެސް އެ ފަދަ ގޮތަކަށް މަސައްކަތްކޮށް މި ގޭމްސްގެ ފުރުސަތު ލިބިފައި އޮތް ވަގުތު ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ.
އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ ރެފްރީއެއްގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރު ރަނގަޅު އެތައް މުބާރާތެއްގައި އިންސާފުކުރައްވާފައިވާ ހުސެން ވިދާޅުވީ ގޭމްސް ބާއްވަން ހުރިހާ ކަމެއް އެންމެ ފުރިހަމަކޮށް ބޭއްވުން ލާޒިމްނުވާ ކަމަށެވެ. އެއީ މި ވަގުތުގެ ހާލަތަށް ވިސްނާފައި ލިބިފައިވާ ވަސީލަތްތައް އެކަށީގެންވާ ވަރަކަށް ތަރައްގީކޮށްގެން ވެސް ގޭމްސް އެއް އިންތިޒާމްކުރެވިދާނެ ކަމަށާއި ފަހުން ރަނގަޅުވެދާނެ ކަމަށް ބަަލައިގެން ޔަގީންކަމެއް ނެތި މި ވަގުތު ލިބިފައިވާ ފުރުސަތު ދޫކޮށްނުލަން ކުޅިވަރުގެ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ހުސެން ވިދާޅުވި އެވެ.