އިދިކޮޅު ނޫސްވެރިން ހައްޔަރު ކުރަން ތުރުކީން ފަށައިފި
އިދިކޮޅު ނޫސްވެރިން ހައްޔަރު ކުރަން ތުރުކީން ފަށައިފި

އަންކާރާ (އޮކްޓޯބަރު 31) - ތުރުކީގެ އިދިކޮޅު ނޫހެއް ކަމަށްވާ ކުމްހުއްރިޔަތުގެ އެޑިޓަރާއި އެ ނޫހުގެ ވަރަށް ގިނަ ރިޕޯޓަރުން ފުލުހުން ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ނޫސްވެރިން ހައްޔަރު ކުރަން ތުރުކީން ފަށައިފި
އިދިކޮޅު ނޫސްވެރިން ހައްޔަރު ކުރަން ތުރުކީން ފަށައިފި

މިދިޔަ ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭން ފަތުހުﷲ ގުލަންއާ ގުޅުން އޮންނަ ނޫސްތައް ބަންދުކޮށް ރިޕޯޓަރުން ހައްޔަރު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ތުހުމަތު ކުރައްވާ ގޮތުގައި ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި މިހާރު ދިރިއުޅުއްވާ ގުލަން އެވެ.

މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ވަނީ އިތުރު 15 މީޑިއާއެއް ބަންދުކޮށްފަ އެވެ. އަދި ސިވިލް ސާވިސް އިން 10،000 މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ވަޒީފާ އިން ކެނޑި މީހުންގެ ތެރޭގައި ޓީޗަރުންނާއި ސިއްހީ ދާއިރާގެ މީހުންނާއި ޖަލުގެ ގާޑުންނާއި ފޮރެންސިކް އޮފިޝަލުން ހިމެނެ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބަޣާވާތަށް ފަހު ތުރުކީގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބޭނުންކޮށްގެން ރައީސް އުރުދުޣާން ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލާ ޖަލަށްލުމަށް މަސައްކަތް ކުރަމުންނެވެ. ބަޣާވާތާ ގުޅިގެން މިހާތަނަށް ވަނީ 110،000 މީހުން ވަޒީފާ އިން ވަކިކޮށް 37،000 މީހުން ހައްޔަރުކޮށްފަ އެވެ.

ނޫސްވެރިން ހައްޔަރު ކުރި ނޫހުގެ މިއަދުގެ އަދަދުގެ ފަލަ ސުރުޚީގައި ވަނީ "އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ބަޣާވާތް ކޮށްފި" ކަމަށް ލިޔެފަ އެވެ. އެ ލިޔުން ލިޔެފައި ވަނީ ސިވިލް ސާވެންޓުން ވަކިކުރި މައްސަލަ އަށް އިޝާރަތް ކޮށެވެ. އެ އަދަދު ނެރުމާ ގުޅިގެން ފުލުހުން ވަނީ އެ ނޫހުގެ މިހާރުގެ އެޑިޓަރާއި މިދިޔަ އޮގަސްޓް މަހު ވަކިވި އެޑިޓަރާއި ނޫހުގެ އެނޫން ވެސް އިސްވެރިން ހައްޔަރުކޮށްފަ އެވެ. އެ ނޫހަށް މިދިޔަ އަހަރު ވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ޕްރެސް ފްރީޑަމް އެވޯޑް ލިިބިފަ އެވެ. އަދި އެ ނޫހަށް ވަނީ ނޯބެލް ސުލްހައިގެ އިނާމާ އެއްފަދަ އެވޯޑެއް ކަމަށްވާ ރައިޓް ލައިވްލިހުޑް އެވޯޑް ވެސް ލިބިފަ އެވެ.